އެމްޑީޕީގެ ބައިވެރިވުމެއް ނެތް ގޮތަށް ޖުމްހޫރީ ޕާޓީއިން އެކުލަވާލާނެ ސަރުކާރެއް ޖުމްހޫރީ ޕާޓީއިން އިއުލާންކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަންގާރަ ދުވަހު އިއުލާންކުރެއްވި ހިޔަނި ކެބިނެޓްގައި ރައީސްކަމުގެ މަޤާމުގައި ހުންނަވާނީ އެމަނިކުފާނެވެ. އަދި ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނަވާނީ މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ރިޔާސީ އިންތިޚާބަށް ނިކުުންނަވާނެކަން ޤާސިމް އިއުލާންކުރެއްވިއިރު، އެމަނިކުފާނުގެ ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީއާއި ރައީސް މައުމޫން ފެކްޝަންގެ ބޭފުޅުންނެވެ. 20 ވުޒާރާއެއް ހިމެނޭ ގޮތަށް ޤާސިމް އިއުލާންކުރެއްވި ހިޔަނި ކެބިނެޓްގައި އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ނުހިމެނެއެވެ.
ޖުމްހޫރީ ޕާޓީއިން އިއުލާންކުރެއްވި ކެބިނެޓް:
- ބަންޑާރަނައިބު: އަލްއުސްތާޒު ނޫރުއްސަލާމް އަބޫބަކުރު
- ޑިފެންސް މިނިސްޓަރ: އަލީ ވަހީދު
- ހޯމް މިނިސްޓަރ: އަބްދުﷲ ރިޔާޒު
- ފައިނޭންސް މިނިސްޓަރ: ޑރ. މަހްމޫދު ޝައުގީ
- ފޮރިން މިނިސްޓަރ: ދުންޔާ މައުމޫން
- އާޓްސް އެންޑް ކަލްޗަރ މިނިސްޓަރ: ޔުމްނާ މައުމޫން
- ހައުސިން މިނިސްޓަރ: ޝައިހް އިމްރާން އަބްދުﷲ
- ޓޫރިޒަމް މިނިސްޓަރ: ކާނަލް މުހައްމަދު ނާޒިމް
- އިކޮނޮމިކް މިނިސްޓަރ: މުހައްމަދު ރަޝީދު
- އިސްލާމިކް މިނިސްޓަރ: އަލީ ޒާހިރު
- ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ: މުހައްމަދު މަލީހް ޖަމާލް
- ފިޝަރީޒް މިނިސްޓަރ: ޑރ. ހުސައިން ރަޝީދު
- ހެލްތު މިނިސްޓަރ: ޑރ. ޝާހް މާހިރު
- ހަޔަ އެޑިޔުކޭޝަން މިނިސްޓަރ: ޑރ. އަހްމަދު ފަޔާޒު
- ލޭބަރ މިނިސްޓަރ: އަބްދުﷲ ކަމާލުއްދީން
- ޓްރާންސްޕޯޓް މިނިސްޓަރ: އަމީން އިބްރާހީމް
- ޖެންޑަރ މިނިސްޓަރ: ޝިދާތާ ޝަރީފް
- ކޮމިއުނިކޭޝަން މިނިސްޓަރ: ޑރ. އަބްދުﷲ މައުސޫމް
- އެޑިޔުކޭޝަން މިނިސްޓަރ: ޑރ. އަހްމަދު އާސިމް
ޤާސިމް ވިދާޅުވީ އެމަނިކުފާނު ހިޔަނި ކެބިނެޓެއް އިއުލާންކުރެއްވީ ގުޅިފައިވާ ޕާޓީތަކުން ނެރޭނެ އެއް ކެންޑިޑޭޓް އަދިވެސް ކަނޑައެޅިފައިވާ ނުވާތީ ކަމަށެވެ. އެހެން ނަމަވެސް ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެވޭ އެއް ކެންޑިޑޭޓެއް ނެރޭނަމަ ޖޭޕީއިން އެ ކެންޑިޑޭޓަކާއެކު ކުރިޔަށްދާނެ ކަމުުގެ ޔަގީންކަން ޤާސިމް ދެއްވިއެވެ.
އެމްޑީޕީ ނުހިމަނައި، އަދާލަތު ޕާޓީ ހިމަނައިގެން ޖުމްހޫރީ ޕާޓީއިން ހިޔަނި ކެބިނެޓެއް އިއުލާންކުރިއިރު، އަދާލަތު ޕާޓީއިން ބުނީ އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަން ފިޔަވައި އެހެން ކޯލިޝަނެއްގައި އަދާލަތުން ބައިވެރިނުވާކަމަށެވެ.