ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ޖެހިޖެހިގެން ދެދުވަހުގެ އަޑުއެހުންތައް ބޭއްވުމަށްފަހު ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ބުދަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އަންގާރަ ދުވަހުގެ އަޑު އެހުން ނިންމާލައްވަމުން މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ބުދަ ދުވަހުގެ މެންދުރު 1:30 ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ ކަމަށެެވެ. އަދި އެ އަޑުއެހުމަކީ ދައުލަތުގެ ފަރާތުންނާއި ފާރިސްގެ ފަރާތުން ހުލާސާ ބަޔާން އިއްވުމަށް ބޭއްވޭ އަޑުއެހުމެއް ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
ދައުލަތުގެ ފަރާތުން ދައުވާ ކޮށްފައިވާ ސިޔާސީ ގިނަ ބޭފުޅުންގެ ޝަރީއަތްތައް ގެންދާ ގޮތަށްބަލާއިރު ކުއްލި ގޮތަކަށް އަވަސް އަރުވާލައިގެން މިމައްސަލަ ނިންމަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. މިފަދަ ބައެއް މައްސަލަތަކުގައި ހުލާސާ ބަޔާން އިއްވާ ދުވަހު ހުކުމް ވެސް ކުރައްވާފައި ވެއެވެ. އެގޮތުން ފާރިސްގެ ބައްޕާފުޅު މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމަށް ބުނާ މައްސަލާގައި ހުކުމްކޮށްފައި ވަނީ ހުލާސާ ބަޔާން އިއްވުމަށްފަހު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގަ އެވެ.
އެހެންކަމުން ޝަޚްސު އޮޅޮވާލި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުލާސާ ބަޔާން ބުދަ ދުވަހުު އިއްވުމަށްފަހު، އޭނާގެ މައްޗަށް ހުކުމް ކުރުމަކީ ވަރަށް ގާތްކަމެކެވެ.
މިމައްސަލައާއި ގުޅިގެން ފާރިސްގެ މައްޗަށް ކުށް ސާބިތު ކުރަން ދައުލަތުން ހުށަހެޅި ދެ ހެކީންގެ ހެކިބަސް ނަގާފައިވަނީ މި އަަހަރުގެ ޖެނުއަރީ މަހުގެ 15 ދުވަހު އެވެ. އޭގެ 5 މަސްފަހުން ކުއްލި ގޮތަކަށް ވަގުތު ސަލާމަތް ކުރައްވަންކަމަށް ވިދާޅުވެ، މި ޖޫން މަހުގެ 18 އަދި 19 ގައި މިވަނީ އަޑުއެހުންތައް ބާއްވައި، ފާރިސްގެ ފަރާތުން ހުށަހެޅި ބައެއް ހެކީންގެ ހެކި ބަސް ނަގާފަ އެވެ.
ދައުވާއިން ދިފާއުވުމަށް ފާރިސް ވަނީ 47 ހެކީން ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ޝަރީއަތުން ހެކިބަސް ނަގާފައިވަނީ އެންމެ 6 މީހެއްގެ ހެކި ބަހެވެ.
ދިފާއުގައި ފާރިސް ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ނަގާ ދެއްވުމަށާއި އަޑުއެހުންތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް ފާރިސް އެދިވަޑައިގެންނެވުމުން ވެސް އެކަމަށް މާބޮޑު އަޅާލެއްވުމެއް ނުދެއްވާ ބުދަ ދުވަހު ހުލާސާ ބަޔާން އިއްވާ ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.