ހުކުމަށް ފިލައިގެން އުޅޭ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް ފުލުހުންގެ ޓްވިޓާ އެކައުންޓުން އަންގައިފި އެވެ.
Fuluhun thahgeegu kuramundha massala akai gulhigen Fulus Office (Police Headquarters) ah @qasimibrahim haaziru vumah chit rahdhukurameve. pic.twitter.com/e9Of2nOdxR
— Maldives Police (@PoliceMv) June 19, 2018
ރައީސް ނަޝީދާއި ގާސިމް އިބްރާހިމްގެ ޓްވިޓާ އެކައުންޓް ޓެގުކޮށް އަންގާރަ ދުވަހުގެ ހަވީރު ފުލުހުން ކުރި ޓްވީޓުގައި އެ ދެ ބޭފުޅުން ހާޒިރުވާންޖެހޭ ދުވަސް ބަޔާން ކުރާ ޗިޓުގެ ފޮޓޯ ވެސް ވަނީ ހިމަނާފައިވެއެވެ. ތޭރަ އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ނަޝީދާއި ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމް އަންނަ ހަފްތާގެ ހޯމަ ދުވަހު ފުލުހަށް ހާޒިރުވުމަށް އެ ޗިޓުގައި ވަނީ ބުނެފައެވެ.
Fuluhun thahgeegu kuramundha massala akai gulhigen Fulus Office (Police Headquarters) ah @MohamedNasheed haaziru vumah chit rahdhukurameve. pic.twitter.com/Lr9rQgiZms
— Maldives Police (@PoliceMv) June 19, 2018
ޗިޓުގައި ވާ ގޮތުން އެ ދެ ބޭފުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް ވަޑައިގަތުމަށްފަހު، އެނބުރި ރާއްޖެ ވަޑައިނުގެން އެ ދެ ބޭފުޅުން އުޅުއްވަނީ ފިލައިގެންނެވެ. އަދި ބޭސްފަރުވާ ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތު ހަމަވުމުން ވެސް އެނބުރި ރާއްޖެ ވަޑައިގެންފައި ނުވާތީ، އެ މައްސަލައިގެ ތަހުގީގަށް ބަޔާން ނަގަން ބޭނުންވާ ކަމަށް ނަޝީދާއި ގާސިމަށް ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.
ހާއްސަ އެންގުމެއްގެ ގޮތުގައި އެ ޗިޓުގައި ބުނެފައި ވަނީ މަގުބޫލު އުޒުރެއް ނެތި ޗިޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޟިރު ނުވެއްޖެނަމަ، ޗިޓަށް ހާޒިރުނުވި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރުމަށްފަހު، އެ މީހަކާމެދު ދައުވާ ކުރުމަށް ފޮނުވާނެ ކަމަށެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ރައީސް ނަޝީދު އިނގިރޭސީވިލާތަށް ވަޑައިގެންނެވީ 2016 ވަނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުއެވެ. އިނގިރޭސީވިލާތަށް ވަޑައިގެންނެވިތާ ތިން މަސް ފަހުން، މެއި މަހުގެ 22 ވަނަ ދުވަހު އެ ގައުމުން ވަނީ އެމަނިކުފާނަށް ސިޔާސީ ހިމާޔަތް ދީފައެވެ. ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީވެފައެވެ.
ސިއްހީހާލުކޮޅު ގޯސްވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނިކޮށް ރިޝްވަތު ދޭން ހުށަހެޅި ކަމުގެ ކުށް ގާސިމްގެ މައްޗަށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހަށް އޭނާ ޖަލަށްލާން ހުކުމް ކުރީ ޣައިރު ހާޒިރުގައެވެ. މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ގާސިމަށް އެ ހުކުމްކޮށްފައި ވަނިކޮށް، ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ގާސިމް ވަނީ ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރައިވަޑައިގެންފައެވެ. އެއަށްފަހު އެމަނިކުފާނު ވެސް ވަނީ ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައި އެ ގައުމަށް ވަޑައިގެންފައެވެ.
ހުކުމަށް ފިއްލެވި ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުވުމަށް އަންގާފައިވާއިރު، ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެފައި ވަނީ ކޮންމެ ތާކު ހުއްޓަސް ހައްޔަރު ކުރަން ބޭނުން ވެއްޖެނަމަ ރައީސް ނަޝީދު ހައްޔަރު ކުރާނެ ކަމަށެވެ.
ރައްޔިތުންގެ އިތުބާރު ކުޑަވެ، ފާޑުކިޔުން އަމާޒުވެފައިވާ ރާއްޖޭގެ ކޯޓުތަކުން ނަޝީދަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި ހުކުމްކުރިއިރު، އެމަނިކުފާނު ގެންދަވަނީ ބޭނުންވާ ގައުމަކަށް، ދުނިޔޭގެ ލީޑަރުންނާ ބައްދަލު ކުރައްވަމުންނެވެ. އެމަނިކުފާނަށް ކުރި ހުކުމަށް ދުނިޔޭގެ ގައުމުތަކުން ފާޑުކިޔަމުންދަނިކޮށް، އދ. އިން ވެސް ބުނެފައި ވަނީ އެމަނިކުފާނުގެ ހުކުމް ބަލައިނުގަންނާނެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެވެން ޖެހޭނެ ކަމަށެވެ.