އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތަށް ވަރކް ވީޒާ ދޫކުރެވޭނީ ހެލްތު އިންޝިއުރެންސް ނެގުމުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ، ރާއްޖޭގެ ވަޒީފާ އަދާކުރާ ބިދޭންސީންނަށް ހާއްސަކޮށްގެން 1 ޖުލައި 2015 ގައި ތައާރަފްކުރެވިފައިވާ އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރަންސް ޕޮލިސީ އަކީ ދިވެހިރާއްޖޭގެ ލޭބަރ މައިގްރޭޝަން ޕޮލިސީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފް ކުރެވުނު ޕޮލިސީއެއް ކަމަށެ އެވެ.
މިއީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ބޭސް ފަރުވާ ދިނުމާއި، މަރުވުމުން ބިދޭސީ މީހާގެ ހަށިގަނޑު އެ މީހެއްގެ ވަޒަނަށް ފޮނުވާ ދިނުމުގައި މާލީ ގޮތުން ދިމާވާ ބޮޑެތި ގޮންޖެހުންތަކަށް އެކަށޭނަ ހައްލެއް ހޯދާ ދިނުމުގެ ގޮތުން ތައާރަފު ކުރެވުނު ހާއްސަ އިންޝުއަރަންސް ޕޮލިސީއެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މި ޕޮލިސީގެ ސަބަބުން ވަޒީފާ ދޭ ފަރާތްތަކުން އެ ފަރާތްތަކުގެ ވަޒިފާގައި ތިބޭ ބިދޭސީންނަށް ފަރުވާ ހޯދުމުގައި މާލީ ގޮތުން ލުއިތަކެއް ލިބުމުގެ އިތުރުން ވަޒީފާ އަދާކުރާ ބިދޭސީންނަށް މަންފާ ކުރާނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
އެހެން ނަމަވެސް މިހާރަކަށް އައިސް ވަޒީފާ ދޭ ބައެއް ފަރާތްތަކުން އެ ފަރާތްތަކުގެ ވަޒީފާގައި ގެންގުޅޭ ބިދޭސީ މުވައްޒަފުންގެ "އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރަންސް ޕޮލިސީ" ގެ މުއްދަތު ހަމަވުމުން އާ ކުރަމުން ނުދާކަން ފާހަގަކުރެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މިކަމުގެ ސަބަބުން އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރަންސް ޕޮލިސީ ތައާރަފްކުރެވުނު މަގްސަދު ހާސިލް ނުވާ ކަމަށް އެއިދާރާއިން ބުނެ އެވެ.
ކަނޑައެޅިފައިވާ ގޮތަށް ބިދޭސީން އިންޝުއަރ ނުކުރާ ކަމުގައިވާނަމަ ވަރކް ވީޒާ އިތުރު ކުރުމަށް ހުށަހެޅި ކަމުގައިވީ ނަމަވެސް ވީޒާގެ މުއްދަތު އާ ނުކޮށްދެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.