ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ކުރީގެ ޗެއާރޕާރސަން އަލީ ވަހީދު ކުރިމަތިލައްވައިފިއެވެ
އަލީ ވަހީދު ވަނީ އެ މަގާމަށް ކުރިމަތިލެއްވިކަން ޓްވިޓަރ މެދުވެރިކޮށް އަންގާރަ ދުވަހު އިއުލާން ކުރައްވާފައެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާނޭ ކަމަށާއި ހުރިހާ ރައްޔިތުންގެ ލޯތްބާ، ތާއީދާއި ހެޔޮއެދުމަށް އެދޭ ކަމަށެވެ. އަދި "އެންމެނަށް ހަމަހަމަ ގޮފިތަކުގެ ބާރުވެރި، އިންތިޒާމްވެފައިވާ، ކޮމެޓީތަކާ އެކު ރައްޔިތުންނަށް ޚާދިމް މަސައްކަތް ކޮށްދޭނަން" ކަމަށެވެ.
Alhugandu, Jumhooree Partyge Raees kamah kurimathilaifin. Thiya hurihaa rayyithunge loaiybaa, thaaeedhaa, heyo edhumah edhen. Enmennah hamahama, Gofithakuge baaruveri, Inthizaamvefaivaa committee thakaa eku rayyithunnah khaadhim massaiykatheh kohdheynan. InSha Allah. pic.twitter.com/EKSN1YHYeY
— Ali Waheed (@ali20waheed) June 19, 2018
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ވަހީދު އެމްޑީޕީގެ ޗެއަރޕާރސަން ކަމުން އިސްތިއުފާ ދެއްވައި ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހު އެޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. މިވަގުތު އަލީ ވަހީދު ހުންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމުގައެވެ.
މޭޑޭއާ ދިމާކޮށް 2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ތަހުގީގު ފެށުމުން އަމިއްލައަށް އަރުވާލެވިގެން ލަންޑަނުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު ވަނީ އިދިކޮޅު ފަރާތްތަކުން އުފެއްދި އެމްޔޫއޯގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާފައެވެ.
އަލީ ވަހީދު ސިޔާސީ ދާއިރާއަށް ވެންނެވީ ޑީއާރުޕީންނެވެ. އޭގެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2011 ވަނަ އަހަރުއެވެ.