ކެނެޑާގެ މަޝްހޫރު، މޮންޓްރިއަލް އިންސްޓިޓިއުޓް ފޮރ ޖެނޮސައިޑް އެންޑް ހިއުމަން ރައިޓްސް (މިގްސް)ގެ ޑެމޮކްރަސީ ފެލޯ އަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އައްޔަން ކޮށްފިއެވެ.
ޖަލު ބަންދުގައި 10 މަހާއި 24 ދުވަހުގެ ހުކުމެއް ތަންފީޒުކުރެއްވުމަށް ފަހު މިހާރު ވެސް ހުކުމަކާ ނުލައި ގޭ ބަންދުގައި ހުންނެވި މަހުލޫފަށް މި ޝަރަފް ލިބިފައި މިވަނީ ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދިނުމަށް ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ނިންމިކަން އިއުލާނު ކުރިތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ.
މިގްސްގެ ޑިމޮކްރަސީ ފެލޯއަކަށް ފުރަތަމަ އައްޔަނު ކުރެވުނު ފަރާތަކީ މަހުލޫފުކަން ހާމަކޮށް އެ އިންސްޓިޓިއުޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "އޭނާއަކީ ސުލްހަވެރި މުޒާހަރާތަކުގައި ބައިވެރިވެގެން ޓެރެރިޒަމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ދައުވާ އިއްވިފައިވާ ފަރާތެއް" ކަމަށެވެ.
މަހުލޫފު މިނިވަން ކުރުމަށް ގޮވާލުމަށް އެމްނެސްޓީވެސް ޓެގްކޮށްފައިވާ އެ ޓްވީޓްގައި ބުނެފައިވެއެވެ.
މިގްސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 2007 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންދާ މަހުލޫފު 25 ފަހަރެއްގެ މަތިން ހައްޔަރުކޮށް އެކި ފަހަރު ޖަލަށްލާފައިވާއިރު މަހުލޫފަކީ ޖެހިލުން ކުޑަ ކަމާއެކު ޑިމޮކްރަސީއަށްޓަކައި މަސައްކަތް ކުރަމުންދާ ޒުވާން ލީޑަރެކެވެ.
ހައްޔަރުކޮށް ގޭ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރަމުންދާ އިރު އެތައް ދައުވާއެއް އޭނާގެ މައްޗަށް ކުރާ ކަމާއި 20 އަހަރު ދުވަހަށް އޭނާ ޖަލަށްލާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.
މިގްސްގެ ފެލޯއަކަށް ވުމުން ޑިމޮކްރަސީ ކުރިއަރުވައި، އަދި ރިސާޗު ކުރުމާއި ހައްދު ފަހަނައަޅައި ދިއުމާއި ދެކޮޅަށް މަސައްކަތް ކުރުން ފަދަ މަސައްކަތްތައް ކުރަމުން އަންނަ މިގްސްއިން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމާއި އިސްކޮށް އުޅުމުގެ ފުރުސަތު މަހުލޫފަށް ލިބިގެންދާނެއެވެ.