ސެޕްޓެމްބަރ 23 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވާނެއެވެ.
މި ލިސްޓް އާއްމުކޮށްފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ވަނީ ޢާންމުކޮށްފައެވެ. މީގެއިތުރުން (VR Space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ވެސް ޗެކްކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މި ލިސްޓަށް ޝަކުވާ ހުށަހަޅުމަށް ހުޅުވާލާފައިވާއިރު އެފުރުސަތު ހަމަވާނީ މާދަމާ (ބުދަ ދުވަހު) މެންދުރުފަހު 01:30 ގެ ނިޔަލަށެވެ.
ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައި ނަމަ، އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިންނެވެ. އަދި ޝަކުވާ ފޯމް، ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހޯމަ ދުވަހުގެ ނިޔަލަށް ލިސްޓާ ގުޅޭ ގޮތުން 34 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ބަލަމުން ގެންދާ ކަމަށެވެ. އަނެއްކޮޅުން ޕާޓީތަކުން ބުނެފައި ވަނީ ނަންތައް އާންމުކުރި އިރު އައިޑީކާޑު ހާމަކޮށްފައި ނުވާތީ ލިސްޓްތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށް އުނދަގޫތަކެއް ހުރި ކަމަށެވެ. އަދި ޕާޓީތަކަށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ އާއި އެ ނޫން ވެސް ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ވަނީ އިލެކްޝަންސްގެ މެންބަރުންނާ ބަދައްލުކޮށް މަޝްވަރާކޮށްފައެވެ.