ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ ޗެނަލްތަކުން ސަރުކާރު ޕްރޮމޯޓް ކުރުމަށް ޕްރޮޕެގެންޑާ ފަތުރަމުން ނުދާ ކަމަށާއި ދައުލަތުގެ މީޑިއާއިން ގެނެސްދެނީ ތަރައްގީގެ ވާހަކަ ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.
ހަލީލު އެހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ވޯލްޑްކަޕް މެޗުތައް ގެނެސްދޭ ވަގުތާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ ހިންގެވި ތަރައްގީގެ މަޝްރޫތައް ކަމަށް ބުނެ، ސަރުކާރު ޕްރޮމޯޓްކު ކުރުމަށް ޕްރޮޕެގެންޑާ ފަތުރަމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުންފާޅު ކުރަމުން ދަނިކޮށެވެ.
"ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ މެޗުތައް ގެެނެސްދޭ ދަނޑިވަޅާ ދިމާކޮށް، ދައްކަމުންދާ ވީޑިއޯ ކްލިޕްތަކަކީ ސަރުކާރުން ނެރުނު "ރަށްވެހި ތަރައްގީ"ގެ ފޮތުގައި ހިމެނޭ މައުލޫމާތުތަކެއް ކަމަށެވެ. އެ މައުލޫމާތުގެ މައްޗަށް ހިމެނޭ ޕްރޮގްރާމެއް ޕީއެސްއެމުން ގެނެސްދެމުންދާ ކަަމަށާއި އެ ވާހަކަތައް ގެނެސްދިނުމަކީ ޕްރޮޕެގެންޑާ ފެތުރުން ނޫން ކަމަށާއި އެއީ ރާއްޖެއަށް އަންނަ ކުރިއެރުމާއި ތަރައްގީގެ ވާހަކަ ދެއްކުން ކަމަށް ހަލީލު ވިދާޅުވިއެވެ.
ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން، ދައުލަތުން ހިންގާ ޕީއެސްއެމުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ޕީޕީއެމްގެ ޕްރޮޕޯޓް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާތީ، އެ މީޑިއާގެ އެޑިޓޯރިއަލް މިނިވަންކަމާއި ސަރުކާރުގެ ނުފޫޒުގައި ތާށިވެފައި އޮތް ސަބަބާ ގުޅޭ ގޮތުން "ރާއްޖެއެމްވީ" އިން ހަލީލާ ސުވާލުތައް ކުރިމަތިކުރީމެވެ.
ހަމަހަމަ ކަމާއެކު، ދެ ފަރާތުގެ ވާހަކަތައް ތިލަކޮށް، ވާދަވެރި ޕާޓީތަކުގެ ވާހަކަތައް ޕީއެސްއެމުން ނުގެންނާތީ، ސުވާލު ކުރުމުން ހަލީލު ވިދާޅުވީ ދައުލަތުގެ މީޑިއާއަކީ އެޑިޓޯރިއަލް މިނިވަންކަން އޮތް ތަނެއް ކަމަށާއި ސަރުކާރުގެ ނުފޫޒެއް އެތަނަށް ނެތް ކަމަށެވެ. ސަރުކާރާ ވާދަވެރި ޕާޓީތަކުގެ ކޮންގްރެސްތައް ކުރިއަށް ރޭވިފައިވާއިރު، އެ ކޮންގްރެސްތަކާ ގުޅޭ ޚަބަރުތައް ޕީއެސްއެމަށް ގެނެސްދެވިފައި ނުވާކަން ފާހަގަކޮށް، ހަލީލު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ނިއުސްރޫމުގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައި، އެކަން ހިނގާފައިވާ ގޮތް ބައްލަވާނެ ކަމަށެވެ.
"އެޑިޓޯރިއަމް މިނިވަންކަމަކީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް އޮންނަ އެއްޗެއް ނޫން. ކޮންމެ ސަރުކާރެއްގައި ވެސް އެ ސަރުކާރުގެ ވާހަކަ ދައުލަތުގެ މީޑިއާއިން ގެނެސް ދޭ. މިހާރު ވެސް ހިނގަނީ އެގޮތަށް،" ވޭތުވެދިޔަ ހަތަރު ސަރުކާރުގައި ވެސް ދައުލަތުގެ މީޑިއާގައި މަސައްކަތްޕުޅު ކުރެއްވި ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ދައުލަތުގެ މީޑިއާއިން ރިޔާސީ ކެންޑިޑޭޓުންނަށް ފުރުސަތު ދޭނެ ކަމަށާއި އެ ފުރުސަތު ދޭނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުން ކަނޑައެޅުމުން ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންގެ މެނިފެސްޓޯއާ ގުޅޭ މައުލޫމާތާއި ކެންޑިޑޭޓުންގެ ޕްރޮފައިލް ގެނެސްދިނުމުގެ ފުރުސަތު ވެސް ދައުލަތުގެ މީޑިއާއިން ހުޅުވާލާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.
"2008 ވަނަ އަހަރުގެ އިންތިހާބަށް ވުރެ މިފަހަރު ދައުލަތުގެ މީޑިއާގެ މިނިވަންކަން ބޮޑުވާނެ. މިނިވަންކަން އޮންނާނެ. ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެ، ކެމްޕެއިން ކުރުމަކީ [ރިޔާސީ އިންތިހާބަށް] ކުރިމަތިލުމެއް ނޫން ދެއްތޯ؟ ކުރިމަތިލި ކަމަށްވާނީ އިލެކްޝަނަށް ހުށަހަޅައި، އެ ކޮމިޝަނުން ކެންޑިޑޭޓެއްކަން ކަނޑައެޅުމުންނޫންތޯ؟،" ހަލީލު ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ ބޯޑަށް އައްޔަންކޮށްފައިވާ ހަތް މެމްބަރުންނަކީ ސަރުކާރުން ކޮންޓްރޯލް އަތުލާފައިވާ މަޖިލީހުގައި ހިމެނޭ ހަމައެކަނި ޕީޕީއެމްގެ މެމްބަރުންގެ ވޯޓުން އައްޔަންކޮށްފައިވާ މެމްބަރުންނެވެ. ޕީއެސްއެމް ބޯޑުގެ ބައެއް މެމްބަރުން ގެންދަވަނީ ފާޅުގައި ރައީސް ޔާމީނަށް ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ކެމްޕެއިން ރެލީތައް ހުށަހެޅުމުގައި ޕީއެސްއެމްގެ ބޯޑުގެ މެމްބަރުން ބައިވެރިވެފައިވާއިރު، އެ ޕާޓީގެ ޕްރައިމަރީތަކުގައި ވެސް ޕީއެސްއެމް ބޯޑުގެ މެމްބަރުން ބައިވެރިވެފައިވެއެވެ.