ޖަޕާނުގެ އޮސާކާ ސިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ދިވެހި ސަރުކާރުން ޖަޕާނުގެ ސަރުކާރަށް ތައުޒިޔާ ފޮނުވައިފިއެވެ.
ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯއަށް ފޮނުއްވި ހިތާމައިގެ މެސެޖްގައި ވިދާޅުވެފައި ވަނީ އޮސާކާ ސިޓީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެތައް ބަޔަކު މަރުވެ، އަނިޔާވެ، މުދަލާއި އިމާރާތްތަކަށް ގެއްލުންވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މިހިތާމައިގެ ވަގުތުގައި ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ފަރާތުން ބައިވެރިވާ ކަމަށާއި، ދިވެހި ރައްޔިތުން ތިބީ ޖަޕާނުގެ ރައްޔިތުންނާ އެކު ކަމަށް މެސެޖްގައި ވެއެވެ.
ދިވެހި ސަރުކާރުން ޖަޕާނުގެ ސަރުކާރާއި، ރައްޔިތުންނަށް ތައުޒިއްޔާގެ މިމެސެޖްގައި ވަނީ ޚާއްސަކޮށް ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކާއި، އަދި އަނިޔާވި ފަރާތްތަކާއި، އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިފައެވެ.
ޖަޕާނު ގަޑިން ހޯމަ ދުވަހު ހެނދުނު 08:00 ހާއިރު އޮސާކާއަށް އައި ބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ތިނަކަށް އަރާ އިރު އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
މި ކުއްޖާ މަރުވެފައި ވަނީ ސްކޫލުގައި ހުއްޓާ ބިންހެލުމުގެ ތެރެއިން ބޯ މައްޗަށް ފާރެއް ވެއްޓިގެންނެވެ. މިހާދިސާގައި 200 އަށް ވިރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް ސަރަހައްދުތަކުގައި ކޮންމެވެސް ވަރަކަށް އިމާރާތްތައް ވެއްޓިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މިހާދިސާގައި ގިނަ ބަޔަކު ލިފްޓްތަކުގައި ތާށިވެ ފެން ހޮޅިތައް ފަޅައިގެންދިއުމުންނާއި މަގުތައް ކަނޑައިގެން ދިއުމުގެ ސަބަބުން މަގުތަކުގައި ވެސް ތާށިވިއެވެ. މި ހާދިސާއާ ގުޅިގެން އެއްލައްކަ ހަތްދިހަ ހާސް ގެއިން ކަރަންޓު ކެންޑިގެންދިޔަ އިރު ލައްކައެއްހާ ގެއަށް ގޭސް ސަޕްލައި ކުރުން ހުއްޓިގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބިން ހެލުމުގެ ސަބަބުން އެއަރޕޯޓްތަކާއި ރެއިލް ސްޓޭޝަންތައް ވެސް އެތަށް ގަޑިއިރަކަށް ބަންދުކުރަންޖެހުނެވެ. މީގެ އިތުރުން ފެކްޓްރީތަކާއި ތަކެތި އުފައްދާ ކާރުހަނާތައް ވެސް ގިނަ ވަގުތުތަކަށް މަސައްކަތް ހުއްޓާލަން ޖެހުނެވެ.
ގާތްގަނޑަކަށް 6.1 މެގްނިޓިއުޑްގެ މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ލިބިފައެއް ނުވެއެވެ.