ސްކޫލުތައް ޑިޖިޓައިޒްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮކެޖްޓްގެ ދަށުން ދަރިވަރުންނާ ޓެބްލެޓް ހަވާލުކުރުމުގެ މަސައްކަތް ހޯމަ ދުވަހު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނާ ޓެބްލެޓްތައް ހަވާލުކުރުން ފެށިގެން ކުރިއަށްދާއިރު، ބެލެނިވެރިންނާއި ދަރިވަރުން މި ކަމަށް އަހުލުވެރިކުރުމުގެ މަސައްކަތް ހުރިހާ ސްކޫލެއްގައި ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތައުލީމުގެ ތެރެއިން، ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި، ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކޮށް، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންނަށް އޭގެ މަންފާ ކުރާނެ ގޮތަށް ތައުލީމީ ދާއިރާ ބަދަލު ކުރުމަށް ހިންގާ މި މަޝްރޫއުގެ ދަށުން ޓީޗަރުންނަށް ދޭންޖެހޭ ޓެބްލެޓްތައް މިހާރު ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން 8،000 އަށް ވުރެ ގިނަ ޓެބްލެޓް ޓީޗަރުންނާ ހަވާލުކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތައް ޑިޖިޓައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70،000 ވުރެ ގިނަ ޓެބްލެޓް ހަވާލުކުރުމަށް ނިންމާފައިވާ އިރު މި ތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް ދޭންޖެހޭ ތަމްރީނުތައްދީ ނިމިފައިވާ ކަމަށެވެ. އަދި މިކަމަށް ޚާއްސަކޮށް ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގި ލެވަލް 1 އަދި 2 ގެ ތަމްރީނުތައް ރާއްޖޭގެ ހުރިހާ ޓީޗަރުން ވެސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރުމަށް ނިންމުމާ ގުޅިގެން ކުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި، ސްކޫލްތަކުގެ ނެޓްވާރކް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.