ރައީސް އަބްދުﷲ ޔާމިންގެ ތަރައްގީގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ނާޒުކު ތިމާވެށި ހަލާކުވަމުންދާތީ ރައްޔިތުން މަޖިލީހުގެ ކެންދޫ ދައިރާގެ މެމްބަރު އަލީ ހުސެއިން ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ރާއްޖޭގެ ތިމާވެށީގެ ހަލާތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރުން ގެންނަ ތަރައްގީގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ކުރަނީ ތިމާވެއްޓަށް ކަމަށާއި، ތިމާވެށި ހަލާކުކޮށްގެން ގެންނަ ތަރައްގީ ރައްޔިތުންނަށް ދައްކައިދޭން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗެނަލްތަކުން ވޯލްޑްކަޕް ކަވަރޭޖުގައި ޕްރޮޕެގެންޑާ ފެތުރުމުގެ ގޮތުން، ބޮޑެތި ދަރަނިތަކާ އެކު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫތަކުގެ ތަފާސް ހިސާބުތައް ހިމެނޭ ވީޑިއޯ ކްލިޕްތަކެއް ދައްކަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ ހަމައެކަނި މާލޭ އަތޮޅުން ވެސް 27 ފަރު ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި މިފަރުތައް ހަލާކުކޮށް، ޓޫރިސްޓް ރިސޯޓު ހަދަން ދިނުމަކީ މާމޮޅު ތަރައްގީއެއް ކަމަށް ރައްޔިތުންނަށް ދައްކައިދޭން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް އަލީ ހުސައިން ވިދާޅުވެފައި ވެއެވެ.
Male’ atholhun 27 faru halaaku kollaafa tourist resortu handhan dhinumakee maa molhu tharaggee eh kamah, TVM beynun koggen rayyithunnah dhakkaidheyn ulhumakee bodu olhuvaalumeh.
— Ali Hussain (@AleeVoice) June 17, 2018
އަލީ ހުސެއިން ވިދާޅުވީ ގުދުރަތީ ނިޒާމު ގަޑުބަޑުކޮށް ހަލާކުކޮށްލުމަށް ފަހު ފަޅުތައް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ތިމާވެއްޓަށްށާއި، މުޅި ދިރިއުޅުމަށް ފޯރާނެ ކަމެއް ކަމަށެވެ. އޭނަ ވިދާޅުވީ ފަޅު ހިއްކާއިރު ކިސަޑާއި، ކިލަނބުގެ ސަބަބުން ފަރުތަކާއި، އެހެނިހެން ކަނޑުދިރުންތައް މަރުވާ ކަމަށެވެ.
އަތޮޅުތަކުގައި ހުރި ރަށްތައް މާލެއާ އެއްގޮތަށް ތަރައްގީ ކުރުމުގެ ވިސްނުން ބަދަލުވާން ޖެހޭކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
Gudhurathee nizaamu gadubadukoh, halaaku kollumaffahu falhuthah hikkaigen resort tharaggee kurumakee e kamuge neydhevey asaru aharemenge thimaavettashaai mulhi dhiriulhumah foaraane kameh. Falhu hikaairu kisadaai kilanbuge sababun eheniheh faru thakaai kanduge dhirun maruvey. https://t.co/Y2ssi7oYY1
— Ali Hussain (@AleeVoice) June 18, 2018
ރައީސް ޔާމިންގެ ތަރައްގީގެ ސިޔާސަތުގެ ސަބަބުން ތިމާވެއްޓަށް އެކަމުގެ ގެއްލުން ފޯރާތީ މެންބަރު އަލީ ހުސެއިންގެ އިތުރަށް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެތައް ޖަމިއްޔާތަކަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ހދ. ކުޅުދުއްފުށީގައި އޮންނަ ހަމައެކަނި މަށިކުޅި ހިއްކައިގެން އެރަށުގައި އެއާޕޯޓެއް އެޅުން މުހިންމު ނޫން ކަމަށާއި، އެރަށާއި ކައިރި ހދ. ހަނިމާދޫގައި އެއާރޕޯޓުގައި އޮތްއިރު މިއީ ސަރުކާރުން ކުރާ ބޭކާރު ހަރަދު ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. އެތައް ބައެއްގެ ކަންބޮޑުވުންތައް ހުރި ނަމަވެސް މިސަރުކާރުން ވަނީ ކުޅީގެ އެއްބައި ހިއްކުމަށް ފަހު އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެވެ.
މީގެ އިތުރުން ރ. ފައިނުގައި ސަރުކާރުން ހަދަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓު އަދި ސިޓީ ހޮޓަލުގެ މަޝްރޫއާ މެދު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެއާޕޯޓާއި ސިޓީ ހޮޓާ އެޅުމަށް ފައިނުގެ ބޮޑު ބައެއް ނަގަން ނިންމާފައިވާތީ އެރަށުގެ ގުދުރަތީ ރީތިކަން ގެއްލޭނެ ކަމަށް ބުނެ މި މަޝްރޫއާ ދެކޮޅަށް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ "ސޭވް ފައިނު"ގެ ނަމުގައި ކެންޕޭންއެއް ވެސް ހިންގަމުންނެވެ.