އެމެރިކާގެ މަޝްހޫރު ސުޕަރ މޮޑެލް ޖީޖީ ހަދީދުއާ އިނގިރޭސިވިލާތުގެ ކާމިޔާބު ބޯއި ބޭންޑް 'ވަން ޑައިރެކްޝަން'ގެ ކުރީގެ މެމްބަރެއް ކަމަށްވާ ޒޭން މަލިކް އަނެއްކާވެސް ރަށްޓެހިވެގެން އުޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ.
ދެ އަހަރަށް ވުރެ ގިނަ ދުވަހު އެކުގައި އުޅުމަށްފަހު 23 އަހަރުގެ ޖީޖީ އާއި 25 އަހަރުގެ ޒޭން ވަކިވެފައިވަނީ މިއަހަރުގެ މާޗް މަހުގައެވެ. ދެ މީހުން ވަކިވިކަން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.
ދެން އަނެއްކާ ދެ މީހުން ރައްޓެހިވެގެން އުޅޭކަމުގެ ނިޝާންތައް ފެންނަން ފެށީ މީގެ ހަފްތާއެއްހާ ކުރިންނެވެ. އަނެއްކާވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝެއަރކޮށްފައިވާ ޕޯސްޓްތަކެއްގެ ސަބަބުންނެވެ.
މި ދެ މީހުން އަލުން ރައްޓެހިވިކަމުގެ ރިޕޯޓްތައް ފުރަތަމަ ފެތުރުނީ ޖީޖީގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރި ފޮޓޯއެއްގެ ސަބަބުންނެވެ. ފޮޓޯއިން ޖީޖީއާއެކު ފިރިހެނެއް ފެންނަ އިރު، އޭނާގެ މޫނު އެއްގޮތަކަށް ވެސް ނުފެނެއެވެ. ނަމަވެސް ފޭނުންވަނީ އެއީ ޒޭންކަން ކަށަވަރުކޮށްފައެވެ. އެއީ އޭނާގެ ހަށިގަނޑުގައި ޖަހާފައި ހުރި ޓެޓޫތަކަށް ބަލައިގެންނެވެ.
ދެން ޖޫން މަހުގެ 11 ވަނަ ދުވަހު ޒޭންއާ ވަރަށް ވައްތަރު މީހެއްގެ ފޮޓޯ ޖީޖީ އިންސްޓަގްރާމް މެދުވެރިކޮށް ޝެއާ ކުރިއެވެ. ޒޭން ފީލްޑެއް ތެރޭގައި، ގަސްތަކެއް ކައިރީގައި ފެންނަ މި ފޮޓޯ ކިތަންމެ ދުރުން ނަގާފައިވީ ނަމަވެސް އެއީ އޭނާކަން އިނގެއެވެ. ހަމަ އެ ދުވަހު ޒޭންވަނީ އަންހެން ކުއްޖަކަށް މަލެއް ދޭ މަންޒަރު ފެންނަ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ. ފޮޓޯއިން ހަމައެކަނި އަންހެން ކުއްޖާގެ އަތް ފުނުނު ނަމަވެސް ޖީޖީ ކުރި 'ހާޓް އިމޯޖީ' ކޮމެންޓުން އެއީ އޭނާކަމަށް ފޭނުން ގަބޫލު ކުރެއެވެ.
ނަމަވެސް، މި މަހު ޖީކިޔުއަށް ދީފައިވާ އިންޓަވިއުއެއްގައި ޒޭންވަނީ އޭނާއާއި ޖީޖީގެ ގުޅުން އޮތް ހިސާބެއް ކިޔާ ދިނުމަށް އިންކާރުކޮށްފައެވެ. ނަމަވެސް އަދިވެސް ގުޅުމެއް އޮތްކަމަށް އިންކާރެއް ނުކުރެއެވެ.
"އަހަރުންނަކީ ކުޑަ ކުދިންނެއް ނޫން. މި ގުޅުމަކަށް ލޭބަލްއެއް ބޭނުމެއް ނުވޭ. ޖީޖީއާ ބައްދަލު ވުމަކީ އަހަރެން ވަރަށް ޝުކުރުވެރިވާ ކަމެއް،" ޒޭން ބުންޏެވެ.
ޖީޖީއަކީ ނެދަރލެންޑްސްއަށް އުފަން ޔޮލޭންޑާ އަދި ފަލަސްތީނަށް ނިސްބަތްވާ މުހައްމަދު ހަދީދުގެ ކުއްޖެކެވެ. އަދި ޒޭންއަކީ އިނގިރޭސި ޓްރިޝާ ބްރެނަން މަލިކްއާ ޕާކިސްތާން- އިނގިރޭސި ޔާސިރު މަލިކްގެ ކުއްޖެކެވެ.