ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު، އިލެކްޝަންސް ކޮމިޝަންގައި ތިބީ މުސްތަގިއްލު ބައެއް ނޫން ކަމަށާއި އަޅުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ޖަޒީރާ ރާއްޖެ ކެމްޕޭންގެ ތެރެއިން އައްޑޫ ސިޓީ މާލޭ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރޮޒެއިނާ ވިދާޅުވީ، އައްޑޫ ސިޓީއަކީ އެމްޑިޕީގެ ބޮޑު ކިއްލާއެއް ކަމަށާއި އެމްޑީޕީ އުފެދުނީއްސުރެ، ބޭއްވި ހުރިހާ އިންތިޚާބެއްގައި ވެސް އެންމެ ގިނަ ވޯޓް ގެނައި އެއް ތަނަކީ އެ އައްޑޫ ކަމަށެވެ. އައްޑޫސިޓީގެ މާލޭ ޖަގަހަ ހުޅުވިގެން ދިއުމަކީ، ޖަޒީރާ ރާއްޖެ ކެމްޕެއިނަށް ވަރަށް ފުރިހަމަކަށް ލިބިގެންދާ ކަމެއް ކަމަށް ފާހަގަކުރައްވަމުން ރޮޒެއިނާ ވިދާޅުވީ، މިއަދު އެބޭފުޅުން ނުކުމެ ތިއްބެވީ އާދައިގެ މަތިން ނުކުންނަ ރިޔާސީ އިންތިޚާބަކަށް ނޫންކަމަށެވެ.
"އަޅުގަނޑުމެން ނުކުމެ މިތިބީ ބޮޑު ހަނގުރާމައަކަށް. ހަގީގަތަކީ މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ހިސޯރު ކުރެވިފައިވާ މުއައްސަސާތަކެއްގެ ދަށުން ހިނގާ ރިޔާސީ އިންތިޚާބެއްކަން،" ރޮޒެއިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިނިވަނުންގެ ނަމުގައި، އަޅުން ތިބި މިނިވަން މުއައްސަސާތަކެއްގެ ދަށުން ކަމަށް ވުމާއިއެކު މި އިންތިޚާބުގައި އެތައް ބައިވަރު ދަތިތަކާއި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ ކިތަންމެ ދުރުގައި ހުންނެވި ކަމުގައިވީ ނަމަވެސް މި އިންތިޚާބަށް ތައްޔާރުވަމުން ދާއިރު، ރައްޔިތުންނާއި އެންމެ ގާތުން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދުކަމަށެވެ. ކޮންމެ ދުވަހަކުވެސް އެމަނިކުފާނު ރާއްޖޭގެ ކޮންމެވެސް ހިސާބަކުން ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގެންދަވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެކަމަކު އޭގެ ބަދަލުގައި ދެން މި ރިޔާސީ އިންތިޚާބަށް ނުކުންނަވާނެ ކަމަށް ވިދާޅުވި ކެންޑިޑޭޓް ކެމްޕެއިން ކުރައްވަނީ ބޮނދައި އޮންނަވައިގެންކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ކަދުރު ކޮތަޅަކާއި، ހަނޑޫ ކިލޯއެއް ހިފައިގެން ކެމްޕެއިން ނުކުރާވާތީ އުފާކުރައްވާކަމަށް ރޮޒެއިނާ ވިދާޅުވިއެެވެ. އޭގެ ބަދަލުގައި އެމްޑީޕީ މަސައްކަތް ކުރާ ތަން ފެންނަނީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ޚިޔާލު ހޯދައިގެން ވެރިކަން ބައްޓަން ކުރެއްވުމަށް މަސައްކަތް ކުރާތަަން ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން ބަލިކުރާނީ، ޔާމީނު ދެއްކެވި ދަނޑެއްގައި، ޔާމީނު ބެހެއްޓި ރެފްރީ އަކާއިއެކު ގޯލް ދަނޑި ވެސް އެ ބޭފުޅުން ބޭނުންވި ހިސާބެއްގައި ބަހަައްޓައިގެން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.