ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުޤައްރިރު އަލީ ނަޒީރުގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
ހަތަރު ބޭފުޅުންގެ ޕާސްޕޯޓް ދޫކޮށްލީ ކޯޓް އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފާއްޓާފައި އޮންނަތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ. އެ ބޭފުޅުންގެ ޕާސްޕޯޓް ދޫކޮށްލައިފައިވަނީ ފުލުހުން ދައުވާކޮށްދިނުމަށް އެދުނު މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް ދައުވާނުކުރުމަށް ނިންމައި، މައްސަލަތައް ފައިލްކުރުމާއި ގުޅިގެންނެވެ.
Hifahattaafa onnathaa 3 mas veefahun, miadhu Passport dhookoffi.@PoliceMv pic.twitter.com/diYLuSz2q1
— Mohamed Ameeth (@MohamedAmeeth) June 18, 2018
ހަތަރު ބޭފުޅުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ މާރޗު މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން އެ ތިން މެމްބަރުންގެ މައްޗަށް ވެސް ތުހުމަތުކުރަނީ ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވިކަމުގެ ތުހުމަތުއެވެ.
އެ މައްސަލާގައިި އެ ހަތަރު މެމްބަރުން ވެސް އެކި ފަހަރުމަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ބަޔާން ވެސް ނަގާފައިވެއެވެ.
ހަތަރު ބޭފުޅުންގެ ޕާސްޕޯޓް މަސްތަކެއްފަހުން ދޫކޮށްލިއިރު، މެމްބަރު އަމީތުގެ ކާފަ ދާދި ފަހުން ސްރީ ލަންކާގައި ނިޔާވެފައިވާ އިރު އަމީތުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ކާފަގެ ޖަނާޒާގައި ބައިވެރިވެވިފައެއް ނުވެ އެވެ. އޭގެއިތުރުން މެމްބަރު ފައިސަލްގެ ލޮލުގެ ފަރުވާއަކަށްވެސް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭގޮތް ވެސް ވަނީ ނުވެފައެވެ.