ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށްފަހު އަންގާރަ ދުވަހު ވެސް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އަޑުއެހުން ތާވަލް ކޮށްފައި ވަނީ 13:00 ގަ އެވެ.
ހޯމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައްވަމުން މިމައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި 47 މީހުންގެ ހެކިބަސް ނެގުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ފާރިސް ހުށަހަޅާފައިވާ މީހުންގެ އެޑްރެސް އަދި ފޯނު ނަމްބަރު ފަދަ މުހިއްމު މައުލޫމާތު ކޯޓަށް ލިބިފައިނުވާ ކަމަށެވެ. އަދި ބައެއް މީހުން ހެކިބަސް ދިނުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށެވެ.
ހެކިބަސް ދިނުމަށް ދެކޮޅު ހައްދަވާފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. ދިފާއީ ހެކީންގެ ގޮތުގައި ގިނައީވެސް މަޖިލިސް މެމްބަރުން ނެވެ. މީގެއިތުރުން ދައުލަތުގެ އިސްމަގާމު ތަކުގައި ތިއްބެވި ގިނަ ބޭފުޅުން ހިމެނެ އެވެ.
ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް މީގެކުރިން ނަގާފައިވާއިރު، ދައުލަތުގެ ގާނޫނީ ވަކީލުން ވަނީ ފާރިސްގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށް ދެކޮޅު ހައްދަވާފަ އެވެ.
ފާރިސް ވިދާޅުވީ ދިފާއުގައި ހުށަހެޅި 47 ހެކީންގެ ހެކިބަސް ނުނެންގެވޭންވި އެއްވެސް ސަބަބެއް ނެތް ކަމަށާއި ދައުލަތުން ދިފާއީ ހެކިބަސް ނެގުމަށް ދެކޮޅު ހެދި ނަމަވެސް އެއީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށެވެ.
ހޯމަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން، އަންގާރަ ދުވަހު ވެސް އަޑުއެހުމެއް އޮންނާނެ ކަމަށް ގާޒީ އިބްރާހިމް އަލީ އިއުލާން ކުރެއްވި އެވެ. އަދި ހުލާސާ ބަޔާން އިއްވުމަށް ތައްޔާރުވެގެން ވަޑައިގެންނެވުމަށް އެންގެވި އެވެ.
ނުރުހުން ފާޅުކުރައްވަމުން ފާރިސް ވިދާޅުވީ އިސްކަންދޭންވީ ހެކީންގެ ލިސްޓް ހަދައި އެ ހެކީންނާއި ކުރާނެ ސުވާލުތައް ތައްޔާރުކޮށް ހެކިން ކޯޓަށް ހާޒިރު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. ހެކިބަސް ވަޒަން ކުރުމަށް ފަހު ހުލާސާ ބަޔާން ހުށަހެޅުމަށް ތައްޔާރުވުމަކީ ޖަލު ބަންދުގައި ހުރި މީހަކަށް 24 ގަޑިއިރުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.
ފާރިސް ވަނީ ދިފާއީ ހެކީންގެ ހެކިބަސް ނެގުން ހަފްތާއެއް ފަހުން ބާއްވާދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. ނަމަވެސް ކްރމިނަލް ކޯޓުން ވަނީ އަންގާރަ ދުވަހަށް އަޑުއެހުމެއް ތާވަލް ކޮށްފައެވެ. މިއަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ފާރިސް ވަނީ އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ފުރުސަތު ދެއްވާކަން ދައްކަން ކޮށްމެހެން ކޯޓަށް ހާޒިރު ކުރުމުގެ ބޭނުމެއް ނެތްކަމަށާއި ގާޒީ ބޭނުންވެލައްވާ ގޮތަށް ހުކުމް ކުރެއްވިޔަސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފަ އެވެ.