ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރައްވާފައިވާ ކަމަށް ބުނެ، ޝަހްސް އޮޅުވާލި ކަމަށް ބުނެ އުފުލާފައިވާ ދައުވާއިން ދިފާއު ވުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހެކީންގެ ގޮތުގައި ހުށަހެޅުއްވި ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހެކިބަސް ދިނުމަށް ދެކޮޅު ހަދައްދަވައިފި އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން ކުރާ ޝަހްސް އޮޅުވާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ފާރިސްގެ ފަރާތުން 47 ހެއްކެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ފާރިސް ހުށަހަޅާފައިވާ ހެކީންގެ ތެރެއިން 10 މީހަކަށް ޗިޓް ފޮނުވި ނަމަވެސް ބައެއް ބޭފުޅުނަށް ޗިޓު ހަވާލު ކުރެވިފައިނުވާ ކަމަށެވެ. ބައެއް ބޭފުޅުން ހެކިބަސް ދިނުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދު ﷲ ރިފާއު އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އެވެ.
ގާޒީ ވިދާޅުވީ ހެކިބަހަކީ އެ މީހެއްގެ އަމިއްލަ އިހުތިޔާރުގައި ދޭ އެއްޗަކަށް ވާތީ ހެކިބަސް ދޭން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. ހެކިން ކޯޓަށް ހާޒިރު ނުވިޔަސް، ހައްޔަރު ކޮށްގެން ގެނައުން ފަދަ ފިޔަވަޅުތަކެއް ނޭޅޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ދައުވާ ލިބޭ ފަރާތުން ދިފާއީ ހެކިން ކޯޓަށް ހާޒިރު ކޮށްދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އަދި ދިފާއީ ހެކީން އަމިއްލައަށް ކޯޓަށް އައިސް ހެކިބަސް ދޭން އެދެފިނަމަ ހެކިބަސް ނެގޭނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން އެޑްރެސް އަދި ގުޅޭނެ ނަމްބަރު ފަދަ މައުލޫމާތުތައް ސާފު ނުވާ އިތުރު 19 ހެއްކަކު ތިބި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެ ބޭފުޅުންގެ ނަންތައް ގާޒީ ހާމަ ކުރެއްވި އިރު، ދައުލަތުގެ އިސް މަގާމުތައް ފުރުއްވި އަދި މިހާރުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅުން ވެސް އޭގެ ތެރޭގައި ތިއްބެވި އެވެ. އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން މިހާރު އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން ހިމެނި ވަޑައިގަންނަވަ އެވެ.
ޗިޓާ ހަވާލުވެ ޝަރީއަތަށް ހެކިބަސް ދިނުމަށް ހޯމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.
ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި، އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރައްވާފައިވާ ކަމަށް ބުނެ، ޝަހްސް އޮޅުވާލި ކުށުގެ ދައުވާ ފާރިސްގެ މައްޗަށް ކުރާއިރު، ޕީޕީއެމްގެ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި އަދި އިލެކްޝަންސް ކޮމިޝަނުގައި އެޕާޓީ ރެޖިސްޓްރީ ކުރުމަށް ވަޑައިގެންނެވިީވެސް ފާރިސް އެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ބާރުގެ ދަށަށް ޕީޕީއެމް ގެންދިޔަފަހުން ޕީޕީއެމް ވަނީ ރައީސް އަބްދުﷲ ޔާމީން ފެކްޝަނަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަކަށް ބެހި ދެބައިވެފަ އެވެ.