ރާއްޖޭން ބޭރުން ގެންނަ މުދާ އެމްޕީއެލްއިން ހުސްކުރުން ލަސްވެގެން އެކަމުން ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ކޮންޓެއިނަރެއްގެ މުދާ ވެސް ކްލިއަރ ކުރުން ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާ ކަމަށެވެ. މިގޮތަށް ލަސްކުރުމުގެ ސަބަބުން، އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
މުދާ ކްލިއަރ ކުރުމުގައި ޑެމަރޭޖު ދައްކަން ޖެހުމަކީ ބޮޑު ގެއްލުމެއް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި، ހޯލް ސޭލް ފިހާރަ ހިންގާ ކުންފުންނެއްގެ ވެރިޔަކު ބުނީ މުދާ ކްލިއަރ ކުރުމުގައި ލަސްވެގެން ދިއުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބިގެންދާ ކަމަށާއި ތަކެތީގެ އަގުތައް ބޮޑުވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.
މިދިއަ މެއި މަހުގެ 13 ވަނަ ދުވަހު ގެނެވުނު މުދާ ކްލިއަރ ކުރެވިފައިވަނީ މިދިޔަ ހަފްތާގައެވެ. އަދި ކަދުރު ފަދަ ބާވަތްތައް ގެންނަ ފަރާތްތަކަށްވެސް ރަމަޟާން މަހުގެ އެންމެ ފަހު ހަފްތާގައި މުދާ ކްލިއަރ ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަމަޟާން މަހުގައި މަސައްކަތް ކުރާ ވަގުތު މަދުވާނެ.އެހެން ނަމަވެސް އަލަށް މުދާ އުފުލަށް ގެނެވުނު ބަދަލުތަކާ އެކު މިއީ މިވީ 27 އަހަރުގެ ތެރޭގައިވެސް މި މަސައްކަތް ކުރުމަށް އެންމެ އުނދަގޫ ފަހަރު." އޭނާ ވިދާޅުވި އެވެ.
އެހެން ވިޔަފާރިވެރިޔަކު ބުނީ އެ ފިހާރައިން ގެނައި ކޮންޓެއިނަރުގައި ހުރި މުދާ ނެރުމަށް މަސައްކަތް ކުރާތާ މަސް ދުވަސް ވުމަށް ގާތްވެފައިވާ ކަމަށެވެ.
"އޭގައި ހުންނާނެ ރޯދައަށް ގެނައި މުދާ ވެސް. މިއީ ވަރަށް ބޮޑު ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަހުގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މުދާ އުފުލާ އުޅަނދު ތައް ދުވާލު ވަގުތު ތަކުގައި މުދާ އުފުލުން މަނާކޮށް މުދާ އުފުލުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅާފަ އެވެ.