ހުކުރު ދުވަހުގެ ރޭ މާލޭގައި މާރާމާރީ ހިންގުމަށް ފަހު، ފިލި އިންޑިއާ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންޑިއާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއަށް ފަހު، ފުލުހުންނަށް ފިލައިގެން އުޅުނު 25 އަހަރުގެ މީހަކު ހޮނިހިރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ތަހުގީގަށް ބަންދުގައި ބަހައްޓައި ދިނުމަށް އެދި ކްރިމިނަލް ކޯޓަށް އޭނާ ހާޒިރު ކުރުމުން ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހުކުރު ދުވަހުގެ ރޭ މާރާމާރީ ހިންގި ދެ މީހުން ތިބީ މަސްތުގެ ހާލަތުގައެވެ. އެ މާރާމާރީ ހިނގަން މެދުވެރިވި ދެ މީހުން ކުރި ޒުވާބެއް ހޫނުވެގެން ކަމަށާއި އެ މާރާމާރީގައި އެކަކު ޒަހަމްވެ، އައިޖީއެމްއެޗުން ވަނީ ފަރުވާދީފައެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން އިންޑިއާއަށް ނިސްބަތްވާ އެ މީހާ ޒަހަމްކޮށްލުމުން، އޭނާގެ އަތުގެ ލޭ ހޮޅިއެއް ކަފައިގެން ގޮސްފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އަދި އޭނާގެ ބުރަކަށްޓަށް ޒަހަމްތަކެއް ލިބިފައިވާއިރު، އިތުރު ސާޖަރީއެއް ވެސް ހަދަންޖެހުނު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އިންޑިއާ އެ ދެ މީހުން ހުކުރު ދުވަހުގެ ރޭ ހިންގި އެ މާރާމާރީ ހުއްޓުވަން މައްސަކަތް ކުރި މީހަކަށް ވެސް އަނިޔާވިއެވެ. ނަމަވެސް އޭނާއަށް ފަރުވާ ދިނުމަށް ފަހު ހަމަ އެ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައި ވަނީ އޯކިޑް މަގު "އާރްފޯއާރް" ކައިރީގައެވެ. މާރާމާރީ ހިންގުމަށް ފިލި އެކަކު އެއް ދުވަސް ފަހުން ހައްޔަރުކޮށްފައިވާއިރު، މާރާމާރީ ހިންގި ކަމުގެ މައުލުމާތު ފުލުހުންނަށް ލިބުނީ އެކަން ހިނގިތާ ގަޑިއެއްހާއިރު ފަހުންނެވެ.