މާލެއިން ތަނެއް ސަރުކާރުން ނުދިނުމުން އއ. އުކުޅަހުގައި އެމްޑީޕީން ބާއްވާ ކޮންގްރެސްއަށް ސަރުކާރުން ހުރަސްއަޅަން މަސައްކަތްކޮށްފާނެ ކަމަށާއި އެހެންނަމަވެސް ހުރަސް އެޅުމަށް ވުރެ ސަރުކާރަށް ރަނގަޅުވާނީ އެމްޑީޕީން ކަންކަން ކުރާ ގޮތް ދަސްކުރުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިމަހުގެ 29 އިން 30 އަށް އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްއާ ބެހޭ މައުލޫމާތު ދެއްވުމަށް އެމްޑީޕީ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަންސްގައި ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްއަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށް ނުބައްލަވާ ކަމަށެވެ. އަދި އެހުރަސްތަކާ އެކު ވެސް އެމްޑީޕީގެ ކޮންގްރެސް އޮންނާނެ ކަމަށާއި އެމްޑީޕީއަކީ ދަތި އުނދަގޫތަކާއި ހުރަސްތަކާ އެކު ވެސް ކަންކުރާ ޕާޓީއެއް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ހުރަސްއެޅުމަށް ވުރެ ބޮޑަށް ސަރުކާރުން ކުރަންވީ ކަމަކީ ޕާޓީގެ ކަންކަން ދަސްކުރަންވީ ކަމަށާއި ރައީސް ޔާމީނަށް ވެސް ފައިދާ ބޮޑީ އެގޮތް ކަމަށެވެ.
"ސަރުކާރުން ދެކޭ ގޮތް އެއީ ހުރަހެއްގެ ގޮތުގައި އަޅުގަނޑުމެން ނެތިން ބަލައި ގަންނާކަށް މި ކޮންގްރެސްގަ ވެސް. ސަރުކާރުން ކަންކަން ކުރައްވާނެ. އެބޭފުޅުންގެ ނަޒަރުގައި ހުރަހަކަށް ވެދާނެ. އަޅުގަނޑުމެންގެ ނަޒަރުގައި ހުރަހަކަށް ވޭތޯ ނޫންތޯ ނިންމާނީ މެންބަރުން. ހަޤީގަތުގައި ރައީސް ޔާމިން ކުރައްވަންވީ ކަމަކީ ސިޔާސީ ޕާޓީތަކުގެ އެތެރޭގައި މިހިނގާ ކަންކަން ދަސްކުރަންވީ. ހުރަސްއެޅީމާ ރައީސް ޔާމީނަށް ވެސް ޕީޕީއެމަށް ވެސް ފުރުސަތު ގެއްލޭ މިކަންކަން ދަސްކުރުމަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ މި ކޮންގްރެސް ބާއްވާނީ ސިއްރުން ނޫން ކަމަށާއި ނޫސްވެރިންނަށާއި ހުރިހާ ފަރާތްތަކަކަށް ހުޅުވާލައިގެން ކަމަށެވެ. އަދި މި ކޮންގްރެސްއަށް އެހެން ޕާޓީތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ދައުވަތު ދެއްވާނެ ކަމަށާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް އެމްޑީޕީގެ ކޮންގްރެސްގެ ކަންކަން ބެލުމުގެ ޖާގަ އޮންނާނެ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އއ. އުކުޅަހުގައި މި ކޮންގްރެސް ބާއްވަނީ މާލެއިން ކޮންގްރެސް ބޭއްވުމަށް ދަރުބާރުގެ ލިބޭތޯ ސަރުކާރަށް އެތައް ފަހަރަކު ދަންނަވައިގެން ވެސް އެކަން ކާމިޔާބު ނުވުމުން ކަމަށާއި އުކުޅަހުގައި ބޭއްވި ނަމަވެސް ކޮންގްރެސްގައި ކުރުމަށް ނިންމާފައިވާ ހުރިހާ ކަމެއް ކޮށް ނިންމާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.