އއ. އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި 1500 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށާއި ބޭރުގެ އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ހަމައެކަނި ކޮންގްރެސްގެ ބައިވެރިންގެ ގޮތުގައި އެކަނި ވެސް ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށާއި އޭގެ އިތުރުން 200 މީހަކަށް ޓިކެޓް ވިއްކުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ޓިކެޓް ވިއްކަނީ ހެޔޮއެދޭ ފަރާތްތަކުން ޕާޓީއަށް ހޭދައެއް ކުރުމުގެ އިތުރުން އަމިއްލަ ޚަރަދުގައި ވެސް ކޮންގްރެސްގެ ކަންކަން ބަލާލަން ބޭނުންވާތީ އެފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިއްބެވި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުން ފަދަ ބޭރުގެ އިއްޒަތްތެރިންނަށް ވެސް ދައުވަތު ދެއްވާނެ ކަމަށާއި ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނަށް ވެސް ކޮންގްރެސްގައި ބައިވެރިވުމަށް ދައުވަތު ދެއްވާނެ ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތައް ހިމެނޭ ގޮތުން ވެސް 200 ބޭފުޅުން ބައިވެރިވާނެ ކަމަށާއި އިދާރީ ބޭފުޅުންނާއި ނޫސްވެރިންނާއި އެހެނިހެން ރަށްރަށުން ބައިވެރިވާ ފަރާތްތަކާ އެކު ޖުމްލަ 1500 އަށް ވުރެ ގިނަ މީހުން މި ކޮންގްރެސްގައި ބައިވެރިވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ މި މިހުރިހާ ފަރާތްތަކަކަށް ވެސް ދަތުރު ފަތުރާއި އެކޮމަޑޭޝަން ހަމަޖައްސާފައިވާ ކަމަށާއި ބައެއް ފަރާތްތައް ތިބޭނީ އުކުޅަހާއި ކައިރި ބައެއް ރަށްރަށުގައި ކަމަށެވެ.
"ކޮންގްރެސްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށް އއ. އަތޮޅުން ކެއުމާ ނިދުމުގެ ކަންކަން ހަމަޖައްސައިދެވޭނެ. އަދި މާލެއިން އުކުޅަހަށް ދިއުމުގެ ޚަރަދުވެސް ހަމަޖައްސާނަން. އަދި ސަޕޯޓަރުންނަށް ޚާއްޞަކޮށްގެން 200 ޓިކެޓްވެސް ވިއްކުމަށް ވަނީ ހަމަޖެހިފައި. ބޭރުގެ ޑިޕްލޮމޭޓުންނާ ޕާޓީއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ވެސް ދައުވަތު އަރުވާނަން،" ހަސަން ލަތީފް ވިދާޅުވިއެވެ.
ކޮންގްރެސް ފެށޭނީ 29 ވަނަ ދުވަހު ހެނދުނު މާލެއިން ކަމަށާއި އެންމެން އެއްގަޑިއެއްގައި އެކި ރަށްރަށަށް އެއްތާކުން ފުރުމަށް ހަމަޖެހިފައިވާއިރު އެއީ ވެސް ބޮޑު އިވެންޓަކަށް ވާނޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ކޮންގްރެސް ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު 4 ޖަހާއިރު ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
"ހުކުރު ދުވަހު މާލއިން ފުރާނީ އެންމެން އެއްތާކުން. ދެން އެބޭފުޅަކު ހުންނަވާ ރަށަކުން ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްދާނީ. ކޮންގްރެސް ފެށޭނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު،" ހަސަން ލަތީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއް ސައްތާރު ވިދާޅުވީ ކޮންގްރެސްގައި އެންމެ މުހިއްމު ކަމަކަށް އޮންނާނީ ޕާޓީގެ އަސާސީ ޤަވާއިދު އިސްލާހް ކުރުން ކަމަށާއި އަސާސީ ޤަވާއިދުގެ 122 ވަނަ މާއްދާއަށް ބަދަލު ގެނައުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަސާސީ ޤަވާއިދު އިސްލާހް ކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ވެސް އެދޭ ކަމެއް ކަމަށާއި އެކަމަށްޓަކައި ކޮންގްރެސް ބޭއްވުމަށް ތަނެއް މާލެއިން ހޯދައިދިނުމަށް އިލެކްޝަންސްގައި އޮންނަ ޤައުމީ ލަފާދޭ ކޮމެޓީގައި ވެސް އެދިގެން އެކަން ހަމަޖެހިފައި ނުވާ ކަމަށް އަނަސް ވިދާޅުވިއެވެ.
"އަސާސީ ޤަވާއިދަށް އިސްލާހް ގެނެވޭނެ. މިހާރުވެސް ވަނީ 122 ވަނަ މާއްދާއަށް ބަދަލު ގެންނަން ނިންމާފައި،" އަނަސް ވިދާޅުވިއެވެ.
އެމްޑީޕީން އުކުޅަހުގައި ބާއްވަނީ އާދަޔާ ޚިލާފް ކޮންގްރެސްއެކެވެ. އެޕާޓީން ބުނާ ގޮތުގައި އެކޮންގްރެސް އާދަޔާ ޚިލާފްވާ އެއްސަބަބަކީ ވަރަށް ކުއްލި ގޮތަކަށް ކޮންގްރެސް ބާއްވަން ޖެހުން ކަމަށެވެ.