ޝަރީއަތުން އެކަށީގެންވާ ފުރުސަތު ދެއްވާކަން ދައްކަން ކޮންމެހެން ކޯޓަށް ހާޒިރުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ކޯޓަށް ހާޒިރު ކުރުމެއް ނެތި ގަޒީ ބޭނުންވާ ގޮތަށް ހުކުމް ކުރެއްވިޔަސް އެންމެ ރަނގަޅު ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް އެގޮތަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެމައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ކުއްލި ގޮތަކަށް އެމައްސަލަ އަވަސް އަރުވާލައިގެން އަޑުއެހުންތައް ބާއްވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ހޯމަ ދުވަހުގެ ޝަރީއަތް ފެށުމާ އެކު ގާޒީ ވިދާޅުވީ މި އަޑުއެހުމުގައި އޮތީ ދިފާއީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ. އެގޮތުން ފާރިސްގެ ދިފާއުގައި 47 ހެއްކެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 10 މީހަކަށް ކޯޓުން ޗިޓް ފޮނުވި ކަމަށެވެ. ނަމަވެސް މި އަޑުއެހުމަށް ހެކިބަސް ދިނުމަށް އައިސްފައި ވަނީ އެންމެ މީހެއް ކަމަށް ވާތީ އޭނާގެ ހެކިބަސް ނެގުމަށް ގާޒީ ނިންމެވިއެވެ.
އޭނާގެ ހެކިބަސް ނެގުމަށް ފަހު ގާޒީ ވަނީ އަންގާރަ ދުވަހުގެ 13:00 އަށް އަޑުއެހުމެއް އޮންނާނެ ކަމަށާއި ދިފާއީ ހެކީން ކޯޓަށް ހާޒިރުވެއްޖެ ނަމަ ހެކިބަސް ނެގޭނެ ކަން އިއުލާނުކުރައްވާފައެވެ. އަދި އަންގާރަ ދުވަހު ޝަރީއަތަށް ވަޑައިގަންނަވާއިރު މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުއްވުމަށް ތައްޔާރުވެ ވަޑައިގެން ކޯޓަށް ވަޑައިގެންނެވުމަށް ވެސް ގާޒީ އެންގެވިއެވެ.
"ކޮން މަޖުބޫރީ ހާލަތެއް އޮވެގެންތޯ އަވަސް އަރުވާލައިގެން މާދަމާއަށް (އަންގާރަ ދުވަހަށް) އަޑު އެހުމެއް ތިޔަ ބާއްވަނީ،" ގާޒީގެ އެވާހަކަތަކަށް ރައްދު ދެއްވަމުން ފާރިސް ވިދާޅުވިއެވެ.
މީގެ އިތުރުން ފާރިސް ވިދާޅުވީ ފަސް މަސް ވަންދެން އެއްވެސް އަޑުއެހުމެއް ނުބާއްވައި ވަގުތު ސަލާމަތްކުރަން ކަމަށް ވިދާޅުވެ، ކުއްލިއަކަށް އަވަސް އަރުވާލައިގެން ފުލުފުލުގައި އަޑުއެހުންތައް ބާއްވައި އަދި އެކަށީގެންވާ ގޮތެއްގައި ދިފާއުވުމަށް ފުރުސަތު ވެސް ނުދެއްވައި މި ޝަރީއަތް ކުރިއަށް ގެންދަވާތީ ހައިރާންވާ ކަމަށެވެ.
ފާރިސް ވިދާޅުވީ ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅި 47 ހެކީން ހެކިބަސް ނުނެގެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ހެކީން ކޯޓަށް ހާޒިރު ކުރުމުގެ ތަރުތީބެއް ތައްޔާރު ކުރުމަށް ފަހު ހުށަހެޅުމަށް ބުނެފައި ވާތީ އެކަން ކުރަން ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ވަކީލުންނާ މަޝްވަރާ ކޮށްލުމުގެ ފުރުސަތު ނުލިބި، ކޯޓުން ފެންނަ ބަޔަކު ޝަރީއަތަށް ހާޒިރުކޮށް، ހެކި ބަސް ނެގުމަށް ފަހު ހުލާސާ ބަޔާން އިވަން ވިދާޅުވުމުން ގާނޫނުއަސާސީން ލިބިދޭ އިންސާފުވެރި ޝަރީއަތެއް ލިބިދިނުމުގެ ހައްގު އޭނާގެ ކިބައިން ނިގުޅައިގަނެވިގެންދާ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އަންގާރަ ދުވަހު ބާއްވާ އަޑުއެހުމަށް ހުލާސާ ބަޔާން އިއްވުމަށް ތަައްޔާރު ވެގެން އަންނަން ޝަރީއަތުން އެންގިއިރު، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި ދިފާއުގައި ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ވަޒަން ކުރަން ވެސް ޖެހޭ ކަމަށެވެ. އަދި މި ޝަރީއަތަށް ދައުލަތުން ހުށަހަޅަފައިވާ ހެކީންގެ ބަޔާންތައް ފޯރުކޮށްދޭން ސިޓީއަކުން ކޯޓުގައި އެދިފައިވީ ނަމަވެސް އެކަން ވެސް ކޮށްދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަށީގެންވާ ފުރުސަތާއި ވަސީލަތްތައް ނުލިބޭ ކަން ފާރިސް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.