ހދ. ކުމުންދޫގެ ހުކުރު މިސްކިތް ކަމަށްވާ މަސްޖިދުލް ފިރުދައުސްގައި ރީނދޫ ކުލައާ ވައްތަރު ކުލައެއް ލާފައި ހުރުމުން އެކުލަ ބަދަލުކުރުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލަށް އަންގައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މި މިސްކިތަކީ 2016 ވަނަ އަހަރު އެންމެ ފަހުން އެރަށުގައި ހުޅުވި މިސްކިތް ކަމަށެވެ. މިސްކިތުގެ ކުލަ ބަދަލުކުރަން މިދިޔަ ހަފްތާ އެންގީ މިސްކިތުގައި ރީނދޫކުލައާ ވައްތަރު ކުލައެއް ލާފައި ވާތީ ކަމަށް ބެލެވޭ ކަމަށެވެ. އަމީން ވިދާޅުވީ މިސްކިތުގެ ކުލައަށް ބަދަލެއް ނާންނަ ކަމަށާއި، މިސްކިތް ހުރީ ވަރަށް އާކޮށް ކަމަށެވެ.
އަމީން ވިދާޅުވީ ހުކުރު މިސްކިތުގެ ކުލަ ބަދަލުކުރަން އަންގާފައި މި ވަނީ އެރަށަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް ގަފޫރު އަހުމަދު ޕީޕީއެމްގެ ކެންޕޭންގެ ދަތުރަކަށް ވަޑައިގެން މިސްކިތް ބެއްލެވުމަށް ފަހު ކަމަށެވެ. އަދި ޑެޕިއުޓީ މިނިސްޓަރު، ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ އެކި ކަންކަމާ މެދު މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ހުކުރު މިސްކިތުގެ ސައުންޑް ސިސްޓަމެއް ހޯދައިދިނުމަށް އެދިފައިވާކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ މިސްކިތުގެ ސައުންޑް ސިސްޓަމްގައި މިހާރު ވަރަށް ބޮޑަށް މައްސަލަ ޖެހިފައިވާ ކަމަށެވެ. ސައުންޑް ސިސްޓަމް ހޯދުމަށް އަގު ނަގައި ހުށައަޅަންޖެހޭ ފޯމްތައް އިސްލާމިކް މިނިސްޓްރީއަށް ހުޅަހަޅާފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް އަމީން ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތުގެ ކަރަންޓު ވައެރިންގައި މައްސަލަ އުޅޭ ކަމަށާއި، އެކަން ވެސް މިނިސްޓްރީންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އޭނަ ވިދާޅުވިއެވެ. އަދި މިމައްސަލައަށް ވެސް މިނިސްޓްރީން ޖަވާބެއްދީފައިނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.
ކުލަ ބަދަލު ކުރަން އަންގާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި އަމީން ވިދާޅުވީ މިސްކިތުގައި އަލުން ކުލަ ލުމަކީ ބޭކާރު ހަރަދެއް ކަމަށާއި، މިސްކިތުގައި ކުރަން ހުރި އެހެނިހެން މަސައްކަތްތައް ކުރުން މާމުހިންމު ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ އެންގެވުމުގެ މަތިން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށާއި، މިއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
"މިސްކިތް ހުޅުވި އިރު ވެސް ލާފަހުރީ ލެމަން ގްރީން ކުލަ، މިސްކިތުގެ ތެރޭގައި ލާފައި ހުރީ ކްރިމް ކުލަ. އޭރު މިސްކިތުގައި އެކުލަލީ މިނިސްޓްރީން ހުއްދަ ލިބިގެން ކޮންޓްރެކްޓަރު. އެކަމަކު ކުލަލާ ނިމުނު ފަހުން އެކުލަ ކަމުނުދާ ކަމަށް ބުނެ އޭރު ވެސް ކުލަ ބަދަލުކުރަން އެންގި. ދެން އެ ދުވަސްކޮޅު ކުލަ ބަދަލުނުކުރީ މާބޮޑަށް ކުލާގެ އަގު ބޮޑުވެގެން ކަމަށް ބުނެފަ،" އަމީން ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ މަސްޖިދުލް ފިރުދައުސް މިސްކިތުގައި ކުލަލުމަށް އިއުލާންކޮށްގެން އަމިއްލަ ތަކެތީގައި ކުލަ ލައިދޭނެ އަގެއް އަންގައިދިނުމަށެވެ. އަދި މިސްކިތުގައި ލާންޖެހޭނީ ކުލައިގެ ގޮތުގައި ހުދުކުލަ، ދަވާދުގެ ގޮތުގައި ފެހި ދަވާދު ކަމަށެވެ. މިސްކިތުގައި ލާފައި ހުރި ކުލަ ބަދަލުކުރަން އެންގި ނަމަވެސް އެކަމުގެ ސަބަބެއް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.
އިނޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރި އެމިސްކިތަކީ އެއް ފަހަރާ 600 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރުން ވަނީ ހދ. ނައިވާދޫގައި އެރަށު ޒުވާނުންތަކެއް އިސްނަގައިގެން ރަށުގެ މިސްކިތް މަރާމާތުކޮށް ލީ ކުލަ ކަމުނުގޮސްގެން މަހެއް ނުވަނީސް އެމިސްކިތުގައި ކުލަ ލައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.