ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް ޑިޕްލޮމެޓިކް ގޮތުން ދެ ގައުމުން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރާއްޖެ އިން ބުނެފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ސިޓިޒެންގައި، ނަން ހާމަ ކުރަން ބޭނުން ނުވާ ދިވެހި ސަރުކާރުގެ އިސް އޮފިޝަލު ވިދާޅުވެފައި ވަނީ "ޑިޕްލޮމެޓިކް ހައްލެއް ފެންނާނެކަމުގެ ޔަގީންކަން އެބައޮތް" ކަމަށެވެ.
އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި ދެ ގައުމުގެ މެދުގައި އުފދެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް ފަރުދާގެ ފުރަގަހުގައި ދެ ގައުމުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ޖޫން މަހުގެ 17 ވަނަ ދުވަހު ސިޓިޒެންގައި، ޝާއިއުކޮށްފައިވާ ލިޔުމުގައި އޮފިޝަލު ވިދާޅުވެފައިވާ ގޮތުގައި ވިސާ ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް މީޑީއާތަކުގައި ރިޕޯޓުކޮށްފައި ވަނީ ރަނގަޅަށް މައުލޫމާތު ނޭނގި ތިބެއެވެ.
ވިސާ ލިބުން ލަސްވުމާ ގުޅޭ ގޮތުން ހުރި މީޑިއާ ރިޕޯޓްތަކަށް އިޝާރާތްކުރައްވައި އޮފިޝަލް ވިދާޅުވެފައި ވަނީ ރާއްޖޭގެ އޮފީސްތަކުގައި ރަމަޟާން މަހު އަބަދު ވެސް މަސައްކަތްތައް ލަސްވާ ކަމަށާއި އަދި ވިސާ ލިބުން ލަސްވުމުގައި ސިޔާސީ ނޫން އެހެން ސަބަބުތަކެއް ވެސް ހުރެދާނެ ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ވިސާ ލަސްވެފައި ވަނީ ފެބްރުއަރީ މަހު ކުއްލި ހާލަތު އިއުލާނުކުރުމަށް ފަހު ކަމަށް ދި ހިންދޫގައި ބުނެފައިވާ ވާހަކައަށް އިޝާރާތްކުރައްވައި އޮފިޝަލް ވިދާޅުވެފައި ވަނީ އެއީ ކުއްލި ހާލަތު ކަމަށް ވުމުން ވިސާގެ ކަންކަން އިތުރަށް ބެލުމުގެ ސަބަބުން ވިސާގެ ލަސްވުމެއް އުޅުނީ ކަމަށާއި ވަކި ގައުމަކަށް ޚާއްސަކޮށްގެން އެފަދަ ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ.
އޮފިޝަލް އެހެން ވިދާޅުވި ނަމަވެސް އިންޑިއާ ފިޔަވައި އިތުރު ގައުމަކުން ރާއްޖެ އިން ވިސާގެ ދަތިކަން ކުރިމަތިވާކަމުގެ ޝަކުވާއެއް ކޮށްފައެއް ނުވެއެވެ.
އިންޑިއާ އިން ދީފައިވާ ދެ ހެލިކަޕްޓަރު ފޮނުވާލަނީ މޫސުން ގޯސް ދަނޑިވަޅުގައި ދެ ހެލިކަޕްޓަރުގެ ބޭނުން ކުރަން އުނދަގޫވާތީ ސަވައިލެންސްގައި ބޭނުން ކުރާނެ ޑޯނިއާ ފްލައިޓެއް ހޯދުމަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައި ވެއެވެ. އަދި ކުރިން ހިނގާފައިވާ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތައް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމިންމްބާޑް ހެލިކޮޕްޓަރު ގެންގުޅުނު ދުވަސްވަރު ބައެއް އެކްސިޑެންޓްތައް ހިނގާފައިވީ ނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރު ރާއްޖޭގައި ދުއްވަން ފެށި ފެހުން އެފަދަ ކަމެއް ހިނގި ކަމަށް ރިޕޯޓްކުރެވިފައެއް ނުވެއެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދުވަހަކު ނުދާހާ މިންވަރަށް ހީނަރުވެފައިވާ އިރު ރާއްޖޭގައި ޗައިނާގެ ނުފޫޒު ދަނީ ގަދަވަމުންނެވެ.