ހުޅުލެއަށް ފެރީ ވަނުމަށް މިހާރު ބޭނުންކުރަމުންދާ ނެރު ބަންދުކޮށް އެއަރޕޯޓް ޕާކިން އޭރިއާ ތަރައްޤީކުރުމުގެ މަސައްކަތް މިމަހު ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވެފައި ވަނީ މިމަސައްކަތާ އެކު ކަނޑު އުޅަނދުފަހަރު ވަނުމަށް އައު ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
އާދިލް ވިދާޅުވީ ބްރިޖް މަޝްރޫޢާ އެކު އެއްގަމު ގިނަ ވެހިކަލްތައް ހުޅުލެއަށް ދަތުރު ކުރާނެ ކަމަށާއި، އެ އުޅަނދުތައް ޕާކްކުރުމަށް ތަނަވަސް ޕާކިން އޭރިއާއެއް ތަރައްޤީކުރުމަށް ނިންމާފައި ވާކަމަށެވެ. އެގޮތުން މިހާރު ހުޅުލެއަށް ފެރީތައް ވަނުމަށް ބޭނުންކުރާ ހުޅަނގުފަރާތު ނެރު ބަންދުކޮށް އެތަނުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ޢާދިލް ވިދާޅުވިއެވެ. އަދި އެތަން ހިއްކައި އޯގަސްޓް މަހުގެ ތެރޭގައި ޕާކިން އޭރިއާ ބޭނުންކުރަން ފަށާނެ ކަމަށް ވެސް ޢާދިލް ވިދާޅުވިއެވެ. އަދި އުޅަނދުފަހަރު ވަނުމަށް އިތުރު ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.