ފުރަތަމަ ސެމިސްޓާގެ ބަންދަށް ފަހު، ސްކޫލްތަކުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ހޯމަ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ކިޔެވުން ފެށި ނަމަވެސް ސްކޫލްތަކުގައި ކިޔަވައިދެމުން ދަނީ ހަ ރޯދަ ނިމެންދެން ރޯދަމަހުގެ ޝެޑިއުލް އާއި އެއްގޮތަށެވެ.
ފުރަތަމަ ސެމިސްޓާގެ ޓެސްޓަށް ފަހު ސްކޫލްތައް ބަންދުކުރީ މިހިނގާ ޖޫން މަހުގެ ހަތް ވަނަ ދުވަހު އެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ކިޔަވައިދީފައިވަނީ ވަނީ 98 ވަނަ ދުވަހު އެވެ. އެއީ ޖަނަވަރީ 14 އިން ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.
ދެ ވަނަ ސެމިސްޓާގެ މިޑްޓާމް ބްރޭކް އަންނާނީ އޯގަސްޓް 19-23 އަށެވެ.
މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް ކަލަންޑަރުގައިވެ އެވެ.
ދެ ވަނަ ސެމިސްޓާގައި 105 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާ އިރު މުޅި އަހަރު ތެރޭގައި ޖުމްލަ 203 ދުވަހު ކިޔަވައިދޭނެ ކަމަށް ދިރާސީ ކަލަންޑަރުގައިވެ އެވެ.