ރޯދަ މަހު ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ މަގުބޫލު ޕްރޮގްރާމަކީ "ބާޒާރުމަތިން އެކްސްޓްރާ" ކަމަށް ބެލުންތެރިން ހޮވައިފި އެވެ.
ރަމަޟާން މަހުގައި ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ މަގުބޫލް ޕްރޮގްރާމް ހޮވުމަށް ޓުވިޓަރގައި ކުރިއަށްގެންދިޔަ ޕޯލަށް 36,605 މީހުން ވޯޓުލާފައިވެއެވެ.
އެންމެ މަގުބޫލް ޕްރޮގްރާމަކަށް "ބާޒާރުމަތިން އެކްސްޓްރާ" ބެލުންތެރިން ހޮވިއިރު، ޕޯލްގައި ބައިވެރިވި މީހުންގެ 48 އިންސައްތަ އެ ޕްރޮގްރާމަށް ލިބިފައިވެއެވެ. "ބާޒާރުމަތިން އެކްސްޓްރާ" އާއި އެންމެ ވާދަކުރި "ގަޑިއެއްހާއިރު" ޕްރޮގްރާމަށް 33 އިންސައްތަ ލިބިފައިވާއިރު، "އޯލްޑް އިޒް ގޯލްޑަށް" 17 އިންސައްތަ އަދި "ހާސް ދުނިޔެ" އަށް ލިބިފައިވަނީ 2 އިންސައްތަ އެވެ.
What’s your favourite prog on @Raajje_tv this Ramazan? Here are the shortlisted ones. Pls vote and retweet.
— RaajjeTVPoll (@RaajjeTVPoll) June 15, 2018
"ބާޒާރުމަތިން އެކްސްޓްރާ" އަކީ ތަފާތު އިނާމުތަކާއެކު ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ގެނެސްދިން ޕްރޮގްރާމެކެވެ. ކޮންމެ ރަމަޟާން މަހަކުވެސް ރާއްޖެޓީވީން ގެނެސްދޭ މި ޕްރޮގްރާމް މި އަހަރު ހުށައަޅާދީފައިވަނީ ސްޓޭޝަންގެ ސީއޯއޯ ހުސެއިން ފިޔާޒް އާއި، ހެޑް އޮފް ޕްރޮގްރާމްގެ އާމިރު ސަލީމް އެވެ. ފިޔާޒާއި އާމިރުގެ އިތުރުން ގިނަ ޕްރޮގްރާމްތަކުގައި މެހުމާނުވެސް ބައިވެރިވެފައިވާއިރު، މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕްރޮގްރާމްގެ މަންޒަރުތައް ވަގުތުން ގެނެސްދީފައިވެއެވެ.
މިއީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ޓީވީ، ރާއްޖެޓީވީގެ ރޯދަ މަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕްރޮގްރާމް ހޮވަން އާންމުންނަށް ހުޅުވާލި ދެ ވަނަ އަހަރެވެ.