ތައުލީމީ ދާއިރާ މުޅިން ޑިޖިޓަލައިޒްކޮށް ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބްލެޓް ދިނުމަށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، ދަރިވަރުންނަށް ޓެބްލެޓް ބަހަން މިއަދު (ހޯމަ ދުވަހު) ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފުރަތަމަ ޓާމް ޗުއްޓީއަށްފަހު މިއަދު ސުކޫލްތައް ހުޅުވާއިރު، އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ، ދަރިވަރުންނަށް ޓެބްލެޓް ބެހުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ. އަދި އިތުރު ރަށްރަށަށް ޓެބްލެޓް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
މިހާތަނަށް ވަނީ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ބަހައި ނިންމައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންނަށާއި ދަރިވަރުންނަށް 70000 ޓެބްލެޓް ބެހުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 63000 ޓެބްލެޓް ބެހުމަށް ހަމަޖެހިފައިވަނީ ދަރިވަރުންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ދަރިވަރުންނަށް ދިނުމަށް ނިންމާފައިވަނީ ވާވޭ ޓެބްލެޓެކެވެ. އެ މަޝްރޫއަށް ސަރުކާރުގެ މިއަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.