ދީނީ ދަރުސް ދެއްވުމުގެ ހުއްދަ އާއި، ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލްކުރުމަކީ ކްރިމިނަލް ކޯޓަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށާއި އެއީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށްވެސް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ޤާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ ވެސް އެ ކޯޓުން ވަނީ ބާތިލްކުރަން ހުކުމްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް ފާޑުވިދާޅުވެ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މަހުފޫޒް ސައީދު ވިދާޅުވީ ވަކީލްކަން ކުރުމުގެ ހުއްދައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދޫކުރާ ހައްދައެއް ކަމަށާއި، ދީނީ ދަރުސް ދިނުމުގެ ހުއްދައަކީ އިސްލާމިކް މިނިސްޓްރީން ދޫކުރާ ހުއްދައެއް ކަމަށެވެ. އެ ހުއްދަތައް ބާތިލްކުރުމަކީ ކްރިމިނަލް ކޯޓަށް އެއްވެސް ގޮތަކުން ލިބިގެންވާ ބާރެއް ނޫންކަމަށް މަހުފޫޒް ވިދާޅުވި އެވެ.
"އެހުކުމާއި ގުޅިގެން ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކުރަންޖެހޭތޯ ނިންމަވާނީ އިސްލާމިކް މިނިސްޓްރީން. ހަމައެންމެ ވަކާލާތުކުރުމުގެ ހުއްދަ ބާތިލްކުރަންޖެހޭތޯ ނިންމާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން. ދެ ފަނޑުިޔާރުންނާއި، ރައީސް މައުމޫނަށް ލިބިގެންވާ ސަނަދުތަކާއި، ހުއްދަތައް ބާތިލްކުރުމުގެ އެއްވެސް އިހުތިޔާރެއް، އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރަކީ،"
މަހުފޫޒް ވިދާޅުވީ ފަނޑިޔާރަށް ލިބިގެން ނުވާ ބާރެއް ބޭނުންކުރުމުން ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެ ފަނޑިޔާރެއް ނުވަތަ ގާޒީއެއްގެ މައްސަލަ ބަލައި، ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ރައީސް މައުމޫނާއި، ދެ ފަނޑިޔާރުންގެ ހުއްދަތައް ބާތިލްކުރުމަށް އަމުރުކުރެއްވި ގާޒީގެ މައްސަލަ ޖޭއެސްސީއަށް ހުށައެޅުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށްވެސް މަހުފޫޒް ވިދާޅުވި އެވެ.
މަހުފޫޒް ވިދާޅުވީ ޖޭއެސްސީއަށް މައްސަލަ ހުށައެޅުނު ނަމަވެސް މައްސަލަ ބަލައި، ފިޔަވަޅު ނޭޅިދާނެކަމަށް ގަބޫލުކުރެވިދާނެކަމަށާއި، ނަމަވެސް ކޮންމެވެސް ދުވަހަކުން އެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅޭނެ ދުވަސް އަންނާނެކަމަށް އޭނާ ވިދާޅުވި އެވެ.