ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭގެ އެންމެ ފަހު ތާރު ފަށަލަ އަޅަން ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭގެ ފަހު ތާރު ފަށަލަ އަޅަން ފެށީ ހޮނިހިރު ދުވަހު ކަމަށާއި އެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މީގެ އިތުރުން އާ ރަންވޭގެ ފަހު ތާރު ފަށަލަ އެޅި ދުވަސް ތާރީހީ ދުވަހަކަށް ވެގެންދާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.
Today is a historic day as the laying of the final aphalt layer starts at the new code F runway @VelanaAirport #viadevelopment pic.twitter.com/d3UcOglF2q
— MACL (@MACLmedia) June 16, 2018
ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ގެ އާ ރަންވޭގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން މީގެ ކުރިން ބުނެފައި ވާއިރު، އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއި އެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެންމެ ފަހުން ވިދާޅުވި ގޮތުގައި، ރަންވޭގެ މަސައްކަތް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ.
އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.