އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ޒުވާނުންގެ އަދަދު 24،000 އަރާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސު ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ޒުވާނުންގެ ޖުމްލަ އަދަދަކީ 24،018 އެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ބޭއްވި ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލީ ޒުވާނުންގެ އަދަދަކީ 30،913 އެވެ. އެހެންކަމުން މިއަހަރު އަލަށް ވޯޓުލާ ޒުވާނުންގެ ނިސްބަތް އެ ވަނީ 2013 ގެ އިންތިހާބަށްވުރެ 22.4 ޕަސެންޓަށް ދަށްވެފައެވެ.
އަންނަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 263,183 މީހުންނަށެވެ. ދެހާސްތޭރަ ވަނަ އަހަރު އާންމު ކުރި ލިސްޓުގައިވާ ގޮތުން އެފަހަރު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 239،165 އެވެ.
އެހެންކަމުން މިދިޔަ ރިޔާސީ އިންތިހާބަށް ވުރެ މިފަހަރު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު އެ ވަނީ ނުވަ ޕަސެންޓު އިތުރުވެފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތައް ސާވޭ ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ. އެ ކޮމިޝަނުން ބުނީ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަރުކަޒުތައް ކަނޑައަޅަމުންދާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ސްކޫލްތައް ކަމަށެވެ.