ރައީސް މައުމޫން ވެރިކަމުގެ ހުންނެވި އިރު ރައީސް މައުމޫން އަކީ ވިލިނގިލި ބޭފުޅެކޭ ކިޔައިގެން އުޅުނު ރަށު މީހަކު، ރައީސް މައުމޫނަށް ހުކުމް ކުރުމަކީ ލަދުވެތި ކަމެއް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ސައުދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫން ވެރިކަމުގައި ހުންނެވި އިރު ރައީސް މައުމޫނަކީ ވިލިނގިލި ބޭފުޅެކޭ ކިޔައިގެން އުޅުނު އެ ރަށު މީހަކު "ތިމަންނަ މިދަނީ ރައީސް މައުމޫނަށް ހުކުމް ކުރަން ކަމަށް" ފަހުރުވެރިކަމާއެކު ބުނެ މާލެއަށް އައިސް ހުކުމް ކުރި ކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ. މިއީ ވިލިނގިލީ މީހުންނަށް ލިބުނު ހުތުރެއް ކަމަށާއި ފަހުން އެކަމާ ދެރަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ވިލިނގިއްޔަށް ނިސްބަތްވާ ހަސަން ނަޖީބެވެ.
މި ހުކުމް ކުރައްވަމުން ގާޒީ ނަޖީބު ވިދާޅުވީ، އެ ތިން ބޭފުޅުން ވެސް ފޯނު ގެންގުޅުނު ކަން ހެކިންގެ ބަހުން އެނގޭއިރު، އެ ބޭފުޅުން ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން ވެސް ފޯނު ދީފައިނުވާ ކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ.
މައުމޫނާއި ދެ ފަނޑިޔާރުންނަށް އިއްވި ހުކުމަކީ ޝަރުއީ އިޖުރާއަތްތަކާއި ހިލާފަށް، ބޭއިންސާފުން އިއްވި ހުކުމެއް ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.