ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) ގުޅިގެން ހިންގާ ޕީއެޗްޑީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.
އެމްއެންޔޫއިން ބުނީ ޕީއެޗްޑީ ޕްރޮގްރާމްގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 18 އިން އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށާއި، ކޯހަށް ކުރިމަތިލެވޭނީ އެމްއެސްޔޫ ގަބޫލުކުރާ ބެޗްލާސް އަދި މާސްޓާސް ޑިގްރީއެއް އޮތް މީހަކަށް ކަމަށެވެ. އަދި ކޯހަށް ކުރިމަތިލާ މީހަކީ އަމިއްލައަށް ދިރާސާއެއް ހެދުމުގެ ގާބިލުކަން ހުރި މީހަކަށް ވާން ޖެހޭ ކަމަށް ވެސް އެމްއެންޔޫއިން ބުންޏެވެ.
މިޕީއެޗްޑީ ޕްރޮގްރާމްގައި އެމްއެސްޔޫއިން ހުޅުވާލާފައިވާ މެނޭޖްމަންޓް ބިޒްނަސް އިން ޕީއެޗްޑީ ހަދާ މީހުންނަށް 11 ދާއިރާއަކުން ރިސާޗް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ.
ރިސާޗް ކުރެވޭނެ ދާއިރާތަކުގެ ތެރޭގައި، އިންޓަނޭޝަނަލް ބިޒްނަސް، އީކޮމާސް، ސްޓްރެޓެޖިކް މެނޭޖްމަންޓް އެންޑް ގްލޯބަލައިޒޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް، މާކެޓިން އެންޑް ސޯޝަލް މީޑިއާ، މަލްޓި މީޑިއާ ޓެކްނޮލޮޖީ، ބިޒްނަސް ކޮމްޕިއުޓިންގ، އިސްލާމިކް ބޭންކިން ފައިނޭންސް ، ލޯގެ އިތުރުން އެޑިއުކޭޝަން ހިމެނެ އެވެ.
މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެމްއެންޔޫއިން ބުނީ ކޯހުގެ އެންމެ ކުރު މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށާއި، ފުލްޓައިމްކޮށް ކިޔަވާނަމަ ކޯހުގެ އެންމެ ދިގު މުއްދަތަކީ ފަސް އަހަރު ކަމަށެވެ. ނަމަވެސް ޕާޓް ޓައިމްކޮށް ކިޔަވާނަމަ ކޯހުގެ މުއްދަތަކީ ހަތް އަހަރު ކަމަށް ވެސް އެމްއެންޔޫއިން މައުލޫމާތުދެ އެވެ.
ކޯހަށް ހޮވޭ ދަރިވަރުން އެމްއެސްޔޫ އަށް ޓިއުޝަން ފީގެ ގޮތުގައި ކޮންމެ އަހަރަކު 52،154 ރުފިޔާ (13000 މެލޭޝިއަން ރިންގެޓް) ދައްކަން ޖެހެއެވެ.