ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ ސިޔާސަތުގެ ތެރެއިން އަތޮޅުތެރޭގެ ރަށްރަށުގެ މީހުން ބޭނުން ކުރަން ޖެހެނީ ނަޖިސް ފެން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
މިސަރުކާރުގެ ތަރައްގީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މެންބަރު އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ހުރި އަސާރީ މިސްކިތް ނެތިކޮށްލުމަށްފަހު ހެދީ ވިންޓަރ ޕާކެއް ކަމަށެވެ. ފެންވަރުގެ ޕާކުތައް މާލޭގައި ތަރައްގީ ކުރަމުންދާއިރު، ގިނަ ރަށްރަށުގައި ތިބި ކުޑަކުދިންގެ ބޮލަށް އަޅަންޖެހެނީ ނަޖިސް ފެން ކަމަށެވެ. އަދި އިސްކަންދޭ ތަރުތީބު ވަނީ އޮޅުން ބޮޅުން ވެފައި ކަމަށާއި، އަތޮޅުތެރޭގެ ރަށްތަށް ތަރައްގީ ކުރުމަށް މިސަރުކާރު ވަނީ ފެއިލްވެފައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
Male’gai huri aasaaree miskitheh nethikollumah fahu Winter Parkeh. Ehenas Rajjeyge gina rahrashugai thibi hurihaa kudakudhin bolah alhan jehenee najis fen. Iskandhey tharutheebu olhun bolhun vefaa.
— Ali Hussain (@AleeVoice) June 16, 2018
މާލޭގައި ދިރިއުޅެން މަޖުބޫރު ކުރުވާފައިވާކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި މާލޭގެ ތޮށްޖެހުން ނިމުމަކަށް ގެނެސް، ހިތްގައިމު ރަށްވެހި ކަމުގެ ރާއްޖެއެއް ހޯދާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ގޯތިގެދޮރަށް ސަލާން ޖަހަން ނުޖެހޭނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
#aharemengesarukaarugai Boahiyaavahi kamashaai goathi gedhorah salaan jahaakah nujeheyne. Maleyge thojjehun nimumakah genes higgaimu ravvehi kamuge rajje eh hoadheyne.
— Ali Hussain (@AleeVoice) June 16, 2018
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރަމުންދާތީ މާލެ ސިޓީއަށް ދިރިއުޅުން ބަދަލުކުރުމަށް ރައީސް ޔާމިން ވަނީ ގޮވާލައްވާފަ އެވެ. މިހާރު ވެސް ތޮށްޖެހިފައިވާ މާލެއަށް އިތުރަށް ތޮށްޖައްސުވަނީ ކަމަށް ބުނެ ގިނަ ބައެއް ފާޑު ކިޔުން މިސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އަތޮޅު ތެރޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދީ މާލޭގައި ތަރައްގީގެ މަޝްރޫއުތައް ނުއަގުގައި ހިންގަމުންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.