ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކެއްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، އެމައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރާތީ ޖުމްހޫރީ ޕާޓީން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް އެޕާޓީގެ ސެކެރެޓަރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވީ ޝަރުއީ އެންމެ މަތީ މަރުހަލާގެ ކޯޓުން ގޮތެއް ކަނޑައަޅާފައި ވަނިކޮށް އެއަށް ދެކޮޅަށް ބަސްބުނުގެ ފުރުސަތެއް އޭސީސީއަށް އަދި އެއްވެސް މުއައްސަސާއަކަށް ނޯންނާނެ ކަމަށެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުގެ ތެރެއިން އޭސީސީ މެދުވެރިކޮށް މިމައްސަލައިގެ ތަހުގީގު ހިންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ރިޔާސީ އިންތިހާބާ ދިމާކޮށް މިފަދަ އަމަލުތައް އިންތިހާއަށް އިތުރުވެގެންދާތަން ފެންނަ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
އޭސީސީން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރަން ނިންމާފަ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން މި މައްސަލަ ބެލުމަށްފަހު މިހާރު ނިންމާފައިވަނީ، މައްސަލައަކީ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލައަކަށް ވާތީ، މި މައްސަލައިގައި ހިމެނޭ އެއްބަސްވުންތަކަކީ 'ވޮއިޑް އެބް އިނީޝިއޯ'، ނުވަތަ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުންތަކެއް ކަމަށާއި، އެހެންކަމުން މައްސަލައިގައި އަދީބާއި ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށެވެ.
އޭސީސީގެ ތަހުގީގުން މި މައްސަލަ އަދީބާ ދެކޮޅަށް ނިންމީ، މި މައްސަލައިގައި އަދީބްގެ ފަރާތުން ބަޔާނެއް ދެއްވުމަށް، އޭސީސީއަށް ހާޒިރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ވަނިކޮށް، އެ ފުރުޞަތު ނުދީއެވެ.
އޭސީސީން މި މައްސަލަ ނިންމާފައިވާއިރު މައްސަލައިގެ އަސްލު ބިނާކޮށްފައިވަނީ، ސަރުކާރުން ވިލާ އާއި އެކު ހެދި އެއްބަސްވުންތަކަކީ ހީއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ބަލައިގެންނެވެ. އެގޮތުން ތ. އެލާ، ގދ. ގަޒީރާ، ރ. މާނެންފުށި އަދި ކ. ބޮލިދުއްފަރުގެ އިތުރުން ކ. ވާވެއްދި ފަޅުތަކުގެ މައްސަލަ ބެލި އިރު، މި މައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެއްބަސްވުންތަކާއި، އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެއްބަސްވުންތަކަކީ، 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމަކާއި ގުޅިގެން އާންމު ފަރާތަކަށް ދައުލަތުން އެތައް މިލިއަން އެމެރިކާ ޑޮލަރެއް ދޭން ޖެހުމުން، އޭރު ދައުލަތާއި ދެކޮޅަށް އެ ބާވަތުގެ އެހެން މައްސަލަތައްވެސް ކޯޓުތަކުގައި ހިނގަމުންދާތީ، އެފަދަ މައްސަލަތަކުގައި ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ވެފައިވާ ސެޓްލްމަންޓް އަދި އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެއްބަސްވުންތަކެއް ކަމަށް އެ އެއްބަސްވުންތަކުގައި ބުނެފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އެ އެއްބަސްވުންތަކުގައި އެފަދައިން ބުނި ނަމަވެސް، ދޭންޖެހޭ ބަދަލާއި އަޅައި ބަލާއިރު، އެ ބަދަލާއި ނުބައްދަލު ފައިދާއެއް މި އެއްބަސްވުންތަކުން ވިލާއަށް ލިބިދޭ ކަމަށާއި، އެއްބަސްވުންތައް ހަދާފައިވަނީ ފަހުން ދޭން ޖެހިދާނެ ކަމަށް ބެލެވޭ ބަދަލަކަށް ވިސްނައިގެން ކަމަށް އެއްބަސްވުމުގައި ބުނި ނަމަވެސް، އެ ބަދަލަކީ ދައުލަތުން އެއްވެސް އިރެއްގައި ދައްކަން ޖެހިދާނެ ބަދަލެއްކަން އެ މަރުހަލާގައި ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.
މި އެއްބަސްވުންތަކަކީ މާލިއްޔަތު ޤާނޫނާއި، ޓުއަރިޒަމް ޤާނޫނާއި، އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއިވެސް ޚިލާފަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާއި، އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. މި އެއްބަސްވުންތައް ހެދުމުގައި އޭރުގެ ޓުއަރިޒަމް މިނިސްޓަރުގެ ޙައިސިއްޔަތުން އަދީބް ބައިވެރިވެވަޑައިގެންނެވިކަން އޭސީސީން ފާހަގަކޮށްފައިވީނަމަވެސް، އަދީބްގެ މައްޗަށް ކުރެވޭ ބައެއް އެހެން ތުޙުމަތުތަކެކޭ އެއްގޮތަށް މި މައްސަލައިގައިވެސް އަދީބު އެކަނި ކުއްވެރިވާ ސަބަބެއް އޭސީސީން ބަޔާންކޮށްފައެއް ނުވެއެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރު، ހަދާފައިވާ މި އެއްބަސްވުންތައް ސަރުކާރުން 2015 ވަނަ އަހަރު އުވާލި ނަމަވެސް، އެއްބަސްވުންތައް އުވާލާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް މި އަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.