ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކޮށް، އެޕާޓީން ބާއްވާ ކޮންގްރެސްގައި ފާސްކުރުމަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދައިގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި އޮންނަތާ އަހަރަކަށް ވުރެ، ގިނަ ދުވަސް ފާއިތުވެފައިވާ ކަމަށެވެ. އަދި މީގެ ދެތިން މަސް ކުރިން މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމިފައިވާއިރު، އެމައްސަލައަށް ހުކުމް ކުރުން ލަސްވާ ލަސްވުމަކީ ވެސް އިންސާފު ނުލިބުން ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދައިގެ މައްސަލާގައި ސުޕްރީމް ކޯޓަށް ތިން ސިޓީއެއް ހުށަހަޅާފައިވާއިރު، އެއިން އެންމެ ސިޓީއަކަށް ވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ. ސަމީރު ވިދާޅުވީ ސިވިލް ކޯޓުން އެމައްސަލައަށް ގޮތެއް ނުނިންމާ ލަސްވާތީ، އެކަން ސުޕްރީމް ކޯޓަށް ސިޓީއަކުން ހުށަހެޅުމުން ވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވަން ތައްޔާރުވާ މިދަނޑިވަޅުގައި، އެޕާޓީގެ ލޯގޯ އާއި ދިދައިގެ މައްސަލައަށް ޝަރުއީ ކޯޓުން ގޮތެއް ނިންމުމަކީ މުހިއްމު ކަމެއް ކަމަށް ދެކި އެ މައްސަލައަށް ގޮތެއް ނިންމައިދިނުމަށް ސިވިލް ކޯޓަށް ވެސް އެ ޕާޓީން ހުށަހަޅާފައިވާނެ ކަމަށާއި އެ ސިޓީއަށް ވެސް ޖަވާބެއް ދީފައިނުވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
އެހެންކަމުން އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ބާއްވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަށް އެޕާޓީގެ އައު ލޯގޯ އާއި ދިދަ ހުށަހަޅައި ފާސް ކުރެވޭނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ނަމަވެސް އޭގެ ކުރިން ވެސް ޕާޓީގެ ހިންގުމަށް ބޭނުންވާ އެކި ކަންކަމަށް ލޯގޯ އާއި ދިދަ މުހިންމު ވާތީ އައު ލޯގޯއަކާއި ދިދަ އިލެކްޝަނަށް ހުށަހަޅައި މިހާރު ބޭނުންކުރަން ހުއްދަ ވެސް ދީފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. ނަމަވެސް ރަސްމީކޮށް ބޭނުންކުރާނީ ކޮންގްރެސް އަށް ހުށަހަޅައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ، ދިވެހިރާއްޖޭގެ ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާ ހަވާލާދީ، ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ދިދަ އާއި ޖުމްހޫރީ ޕާޓީގެ ލޯގޯ ވައްތަރު ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން، ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.
މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ފޮނުއްވި ސިޓީއަކުން އަންގާފައިވަނީ 2017 ޖޫން މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރުމަށެވެ.