ރޯދަ މަހު ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ މަގުބޫލު ޕްރޮގްރާމް ހޮވަން ހުޅުވާލައިފިއެވެ.
ބެލުންތެރިންގެ އެންމެ މަގުބޫލު ޕްރޮގްރާމް ހޮވަނީ ޓްވިޓާ މެދުވެރިކޮށް ނަގާ ވޯޓަކުންނެވެ. ރާއްޖެޓީވީގެ ޓްވީޓާ ޕޯލް އެކައުންޓު މެދުވެރިކޮށް ނަގާ ވޯޓަށް ނޮމިނޭޓްވެފައި ވަނީ ފޭސްބުކް މެދުވެރިކޮށް އެންމެ ގިނަ މީހުން ބެލި ހަތަރު ޕްރޮގްރާމެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ރާއްޖެޓީވީން 16 ޕްރޮގްރާމެއް އުފައްދާފައިވާއިރު، އެންމެ ގިނަ ބަޔަކު ބެލި ހަތަރު ޕްރޮގްރާމަށް ނޮމިނޭޓްވެފައި ވަނީ ގިނަ ބަޔަކަށް އިނާމު ލިބޭ ގޮތަށް ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ގެނެސްދިން "ބާޒާރުމަތިން އެކްސްޓްރާ" އާއި ރޯދަމަހުގެ މެންދަމު ވަގުތުގައި ގެނެސްދިން "އޯލްޑްއިސްގޯލްޑް" އާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ގެނެސްދިން "ހާސްދުނިޔެ"ގެ އިތުރުން ކޮންމެ ދުވަހެއްގެ މެންދުރުފަހު ގެނެސްދިން "ގަޑިއެއްހާއިރު"އެވެ.
What’s your favourite prog on @Raajje_tv this Ramazan? Here are the shortlisted ones. Pls vote and retweet.
— RaajjeTVPoll (@RaajjeTVPoll) June 15, 2018
އެ ހަތަރު ޕްރޮގްރާމަށް ވޯޓު ދިނުމުގެ ފުރުސަތު ހުކުރު ދުވަހުގެ ރޭ ހުޅުވާލާފައިވާއިރު، ވޯޓު ލުމުގެ ސުންގަޑި ހަމަވާނީ އާދީއްތަ ދުވަހުގެ ރޭ 12:00އަށެވެ.
މިއީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ޓީވީ، ރާއްޖެޓީވީގެ ރޯދަ މަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕްރޮގްރާމް ހޮވަން އާންމުންނަށް ހުޅުވާލި ދެ ވަނަ އަހަރެވެ. ރާއްޖެޓީވީގެ ޓްވިޓާ ޕޯލް މެދުވެރިކޮށް، ހުޅުވާލާފައިވާ ޕޯލަށް، ކޮންމެ އެކައުންޓަކުން ވޯޓު ދެވޭނީ އެއް ފަހަރުއެވެ.