ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ޖަޕާނުން އެހީގެ ގޮތުގައި 300 މިލިއަން ޔެން (ގާތްގަނޑަކަށް 42.19 މިލިއަން ދިވެހި ރުފިޔާ) ރާއްޖެއަށް ދީފިއެވެ.
ޖަޕާނު ސަރުކާރުން ބުނީ މި އެހީ ދީނީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށާއި، ސިއްޙީ ޚިދުމަތަކީ ފަސޭހަކަމާ އެކު އެންމެންނަށް ލިބޭ ޚިދުމަތަކަށް ހެދުމަށް އެހީވުމަށް ކަމަށެވެ.
އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހުކުރު ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި، އެ ޤައުމުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖަޕާނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ ތާރޯ ކޯނޯއެވެ. އަދި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ދެ ބޭފުޅުން ވަނީ ރަސްމީ ބައްދަލުކުރެއްވުމެއް ވެސް ބާއްވަވާފައެވެ.
ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީ އިން ބުނީ، މި އެހީ ބޭނުންކުރާނީ މާލޭގައި ހުރި ޓަރޝަރީ ހޮސްޕިޓަލް (އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް) ވެސް ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ޖަޕާނުން ޤަބޫލުކުރާ ކަމަށެވެ. އަދި މި އެހީ އިން އަތޮޅުތެރޭގައި އެމްބިއުލާންސް ނެތް ރަށްތަކަށް އެ ޚިދުމަތް ފެށުމަށް އެހީވެ، އާ ކުރަންޖެހިފައިވާ އެންބިއުލާންސް ހުރި ރަށްރަތަކަށް އެކަން ވެސް ކުރެވޭނެ ކަމަށް ޤަބޫލުކުރާ ކަމަށާއި، މިއީ ބަލި މީހުންނާއި، ޚާއްސަކޮށް މާބަނޑު މީހުންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.