ރާއްޖޭގައި މިއަހަރު މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް، އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވެއްޖެއެވެ.
އިންޑިއާގެ ވިއޮން ޓީވީ ޗެނަލަށް ދެއްވި ބަސްދީގަތުމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތު ހުރި ގޮތުން މިނިވަން ދެފުށް ފެންނަ ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެ ކަމަށާއި، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އިންޑިއާ އިން މިކަމުގެ ތެރެއަށް ވަދެ އިންތިޚާބު ކަށަވަރުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެ މަނިކުފާނު ކާމިޔާބު ކުރެއްވި ނަމަވެސް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވޭ ގޮތް ހަދާފައިވާ ކަމަށެވެ. ރާއްޖޭގެ ހާލަތު ސިފަކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ އިދިކޮޅު ލީޑަރުންގެ އިތުރަށް ރައީސް ޔާމިންގެ ފިކުރާ ތަފާތު ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
"ރާއްޖެ މިހާރު އޮތް ހާލަތަކީ، ޔާމިން ވަނީ ފާއިތުވި ދެއަހަރު ތެރޭގައި އިދިކޮޅު ސިޔާސީ ހުރިހާ ޕާޓީއެއްގެ ލީޑަރުން ހައްޔަރުކޮށްފައި. ދެ ނައިބް ރައީސުން، ދެ ޑިފެންސް މިނިސްޓަރުން، ދެ ޗީ އޮފް ޕޮލިސް، އުއްތަމަ ފަޑިޔާރާއި، ފަޑިޔާރަކު، އަދި ޕްރޮސެކިޔުޓާ ޖެނަރަލް، އަމިއްލަ ބޭބެ އަދި ކޮއްކޮ ވަނީ ހައްޔަރުކޮށްފައި. މީގެ އިތުރުން ޕޮލިޓިކަލް ދެ އެކްޓިވިސްޓުން އަދި މަޖިލީހުގެ މެންބަރުން. ސްޕްރީމް ކޯޓުގެ ޖަސްޓިސް ސިސްޓަމް އެއްކޮށް ބާރު ކަނޑުވާލާފައި. ސިފައިން ބޭނުންކޮށްގެން މަޖިލީހަށް ބާރުވެރިވެފައި. އެހެންކަމުން ރާއްޖޭގެ ހާލަތު ވަނީ ވަރަށް ގޯސްވެ، ވެރިކަން ވަނީ ހަމައެކަނި ރައީސް ޔާމިންގެ ބާރު ހިނގާ ގޮތަށް ބަދަލުވަމުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ޗައިނާގެ ކުންފުނިތާކާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ބޮޑު އަގުގައި ކަމަށާއި، މުޅި ރާއްޖެ ޗައިނާއަށް ދަރުވާލައިފައިވާ ކަމަށެވެ. މިދަރަނި ދެއްކުމުގެ ގާބިލްކަން ސަރުކާރުގެ ނެތް ކަަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް ދެއަހަރު ދުވަހަށް ދިން ހެލްކަޕްޓަރުތައް ގެންދަން އެންގީ ޗައިނާގެ ނުފޫޒުގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޗައިނާ އަންނަނީ ހުރިހާ ގޮތަކުން ރާއްޖެއަށް އަތްގަދަ ކުރަމުން ކަމަށެވެ. މިކަމަކީ އިންޑިއާ ކަނޑުގެ ސަލާމަތަށް އޮތް ބިރެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މައުލޫމާތު ލިބިފައިވާ ގޮތުގައި ރާޑަރ ސިސްޓަމްތައް ވެސް މިހާރު ވަނީ ހުއްޓުވާފައި. ރާއްޖޭގައި ޖަހަން ނިންމާފައި ހުރި އެންޓަނާތަކެއް ޖެހުން ވެސް ވަނީ ހުއްޓުވާފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ކަމެއްގައި ވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެހީވާ ގައުމު ކަމަށާއި، އެންމެ ފަހުން ހިނގި ސުނާމީ ކާރިސާއިން ވެސް އެކަން ކަށަވަރުވެގެންދާ ކަމަށެވެ. އެހެންކަމުން އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ކުޑަ ވެސް ހީނަރުކަމެއް ލިބުމަށް އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.