ރަމަޟާން މަހެއްގައި 28 ރޯދަ ހިފުމަށް ފަހު އީދުކުރުން ހުއްދަ ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބުރާސްފަތި ދުވަހާ ހަމައަށް 28 ރޯދަ ހިފާފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީން އަންގައިގެން ހުކުރު ދުވަހު އެގައުމުގައި ދިރިއުޅޭ ދިވެހިން އީދު ކުރުމުންނެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމިކް މިނިސްޓްރީން އެންގީ މިމަހުގެ ތެރޭގައި އެރޯދަ ގަޟާކުރުމަށާއި، ހުކުރު ދުވަހު އީދު ކުރުމަށެވެ.
މިމައްސަލައާ ގުޅިގެން ޑރ. ޝަހީމްގެ ފޭސްބުކްޕޭޖްގައި ވިދާޅުވެފައި ވަނީ ހަނދު މަހެއްގައި އޮންނާނީ 29 ނުވަތަ 30 ދުވަސް ކަމަށް ވާއިރު 28 ރޯދަ ހިފާފައި އީދު ކުރުން ހުއްދަ ނުވާނެ ކަމަށެވެ. ޑރ ޝަހީމު ވިދާޅުވީ ރޯދައިގައި އަމަލު ކުރަން ޖެހޭނީ އެބަޔަކު ތިބި ތަނެއްގައި ނުވަތަ ބައްރެއްގައި އެ ބަޔަކު ރޯދަ ހިފަން ފަށައި އެގައުމާ އެކު ކަމަށެވެ. އަދި އީދު ނަމާދު ކުރަން ޖެހޭނީ އެބަޔަކު ތިބި ގައުމެއްގެ އޮތޯރިޓީތަކުން ނިންމާ ގޮތެއްގެ މަތިން ކަމަށް ޑރ. ޝަހީމު ވިދާޅުވިއެވެ.
ރާއްޖެއަށް ވުރެ ދެ ދުވަސް ފަހުން ލަންކާގައި ރޯދަ ހިފަން ފެށި ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެންގުމާއެކު ލަންކާގައި ހުންނަ ރާއްޖޭގެ ސޯސަން ވިލާގައި ހުކުރު ދުވަހު ވަނީ އީދު ނަމާދުކޮށްފައެވެ. އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިރު އެ ގައުމަށް ވެސް އީދުވެފައި ވަނީ މިއަދުއެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.