ތާރީޚީ ކަޅުވަކަރު މިސްކިތް ނެގުމަށް ފަހު އެތަނުގައި މަޖާކުރުމަށް ހެދި ވިންޓާ ޕާކު ހުޅުވައިފި އެވެ.
ރަސްރަނި ބަގީޗާގައިވާ ވިންޓާ ޕާކު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.
ވިންޓާ ޕާކު ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ހުކުރު ދުވަހުގެރޭ ވަނީ މިޕާކް ބައްލަވާލައްވާފަ އެވެ. ވިންޓަ ޕާކް ތެރޭގައި އައިސް ސްކޭޓިން އާއި، ސްނޯގެ އެކިއެކި ހަރަކާތްތައް ދައްކާލާފައިވެ އެވެ.
ރަސްރަނި ވިންޓާ ޕާކަކީ ރާއްޖޭގެ ތާރީޚުގައި ވެސް ވިންޓާ ތީމްއަކަށް ހަދާފައިވާ މިފަދަ ފުރަތަމަ ޕާކެވެ. މި ޕާކު ފަރުމާ ކޮށްފައިވަނީގައި އައިސް ސްކޭޓްކުރާ ރިންކަކާއި، ސްނޯ ސްލައިޑްއެއް ހިމެނޭ ގޮތަށެވެ. މިޕާކް ފަރުމާ ކުރުމުގައި ޔޫރަޕްގެ ތަޖުރިބާކާރުން ބައިވެރިވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މިޕާކު ހުކުރު ދުވަހުގެރޭ ރަސްމީކޮށް ހުޅުވި ނަމަވެސް ޕާކް އާއްމުންނަށް ހުޅުވާލާނީ އަންނަ ބުދަ ދުވަހު ކަމަށެވެ.
ހިރިކަލާއި ލަކުޑިން ރާވާފައިވާ ކަޅުވަކަރު މިސްކިތް ރޫޅަލައި ނެގުމަށް ފަހު ތަރައްގީ ކުރި މިޕާކު ފުރަތަމަ ހުޅުވާނެ ކަމަށް ސަރުކާރުން ބުނީ މިދިޔަ ޑިސެންބަރު މަހުއެވެ. ކަނޑައެޅި ތާރީހަށް ޕާކު ނުހުޅުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭރު ސަރުކާރަށް އަމާޒުވެގެންދިޔަ އެވެ. މީގެ އިތުރަށް ކަޅުވަކަރު މިސްކިތަށް ވީގޮތް ނާނގާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ވެސް ކަންބޮޑުވުންފާޅު ކުރަމުންނެވެ.