ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
ބ. މާޅޮހުގައި ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގައި "ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ" ނަންޖެހި ފޮތިގަނޑު ނެގުމަށް ފުލުހުން އަންގަފައިފި އެވެ.
ރާއްޖެއެމްވީއަށް މައޫލޫމާތު ދެއްވަމުން އެރަށުގެ މާސް ޖަމިއްޔާގެ އިންތިޒާމް ސެކްރެޓަރީ އަބްދުލްމަތީން ވިދާޅުވީ ވާރލްޑް ކަޕް ބެލުމަށް އެޖަމިއްޔާއާއި، ރަށު ކައުންސިލުން އަދި ޒުވާނުންތަކެއް ގުޅިގެން ވާރލްޑް ކަޕް ފޯރީގައި ބެލުމަށް ޚާއްސަ ޖަގަހައެއް ހެދީ ކަމަށެވެ.
މަތީން ވިދާޅުވީ މިޖަގަހަ ހެދީ މާސް ޖަމިއްޔާއަށް ދޫކޮށްފައި އޮތް ބިމެއްގައި ކަމަށާއި، މުޅި އެސަރަހައްދު ސާފުކޮށް، ދޮންވެލިލައި ބޮޑު ސްކްރީނެއް ހަރުކުރީ ވަރަށް ފޯރީގައި ވާރލްޑް ކަޕް ބެލުމުގެ އުންމީދުގައި ކަމަށާއި، ސިޔާސީ ހަރަކާތް ހިންގުމަށް ނޫން ކަމަށެވެ.
ނަމަވެސް ހުކުރު ދުވަހުގެރޭ ވާރލްޑް ކަޕް ބަލަން ވަރަށް ފޯރީގައި ތިއްބައި އޭދަފުށިން އައި ފުލުހުންތަކެއް ޖަގަހައިގެ ތެރެއަށްވަދެ، ޖަގަހައިގެ ބޭރު ފާރުގައި ހަރުކޮށްފައި އިން ފޮތިގަނޑު ނެގުމަށް އެންގީ ކަމަށެވެ. އަދި މަސްލަހަތަށްޓަކައި އެފޮތިގަނޑު ނެގީ ކަމަށާއި، ފޮތިގަނޑު ނެގުމަށް އެންގީ އެފޮތިގަނޑުގައި "ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ" ޖަހާފައި އޮތުމުން ކަމަށް ވެސް މަތީން ވިދާޅުވި އެވެ.
"މިޖަގަހައަށް އެންމެން ވެސް ބޭނުންވީ އެނަން ކިޔަން. އެހެންވެ އެނަންކީ. ރައީސް ނަޝީދުގެ ނަންފުޅެއް ނުވެސް ނެތް މިފޮތިގަނޑުގަ. އެކަމަކު މައްސަލައަކަށް ހަދާފި އެމީހުން." މަތީން ވިދާޅުވިއެވެ.
ޖަގަހަ ހެދެމުގެ މަސައްކަތް ކުރިއަށް ދިޔައިރު ޕީޕީއެމް ބައެއް މީހުންގެ އުދަނގުލާއި، ދުށްތުރާތައް ކުރިމަތިވިކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާ ޒުވާނުން ވެސް މިޖަގަހަ ހެދުމުގައި މަސްއޫލުވެ އުޅުނު ކަމަށެވެ. އެމްޑީޕީ މީހުންނާއި އެކުވެ މިފަދަ އެއްބައިވަންތަ މަސައްކަތް ކުރުމަށް އެމީހުން ބޭނުން ނުވަނީ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.
އެމްޑީޕީ ތާއީދު އޮންނަ ތުޅާދޫގައި ވާރލްޑް ކަޕް ބެލުމުގެ ކަންކަން ފޯރިއާއެކު ކުރިއަށްދާއިރު، އެރަށުގެ މާސް ޖަމިއްޔާއަކީ މުޅި ރަށަށް ކޭބަލް ދިނުމުގެ ޚިދުމަތް ދެމުންދާ ޖަމިއްޔާއެކެވެ. އެޖަމިއްޔާ އިސްވެ ގިނަ އިޖްތިމާއީ ހަރަކާތްތައް ވެސް ކުރިއަށް ގެންދާއިރު އެރަށުގައި ފެންޕްލާންޓަކާއި، ފްރިންސްކޫލެއްގެ އިތުރަށް ބެޑްމިންޓަން ކުޅޭ ހޯލެއް ވެސް އެރަށުގެ ރައްޔިތުންނަށް ވަނީ ހަދިޔާކޮށްފައެވެ. 19 މެމްބަރުންގެ މައްޗަށް އެކުލެވޭ މާސް ޖަމިއްޔާއަކީ އެރަށުގައި ފާހަގަކޮށްލެވޭ ހިންގުތެރި ޖަމިއްޔާއެކެވެ.