ރިޔާސީ ޕްރައިމަރީއަކުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް އެ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ނިންމައިފި އެވެ.
އެގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްއަށް ހުށައެޅުމަށްޓަކައި އެ ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީގެ 115 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ކޮމެޓީގެ އަޤުލަބިއްޔަތުންނެވެ. އަދި އައު އަސާސީ ގަވާއިދުގެ ދަށުން މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ނައިފަރުު ދާއިރާގެ މެމްބަރު އަހުމަދު މުހައްމަދު ވިދާޅުވީ ޖޭޕީގެ އަސާސީ ގަވާއިދު އިސްލާހުކުރަނީ މި ޒަމާނަށް ފެތޭގޮތަށް ކަމަށެވެ. އަދި އިސްލާހްކުރެވުނު އަސާސީ ގަވާއިދަކީ އެހެން ޕާޓީތަކުގެ އަސާސީ ގަވާއިދަށްވުރެވެސް ފުރިހަމަ ގަވާއިދަކަށްވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އަސާސީ ގަވާއިދަށް ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އިސްލާހުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ މީގެކުރިން ޕާޓީގެ އަސާސީ ގަވާއިދުގައިވާގޮތުން ރިޔާސީ ޓިކެޓް ލިބެނީ ޕާޓިގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކަށް ކަމަށެވެ. ނަމަވެސް ގެނެވުނު އިސްލާހާއެކު ޕާޓީގެ ޕްރައިމަރީއަކުން ނޫންގޮތަށް ރިޔާސީ ޓިކެޓް ނުލިބޭނެކަމަށް އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުގެ މައިގަނޑު ބޭނުމަކީ ގިނަ ބަޔަކަށް ފުރުސަތު ދިނުން ކަމަށެވެ.
— JP Spokesperson (@jpspokesperson) June 15, 2018
އަސާސީ ގަވާއިދަށް ގެނައުމަށް ޤައުމީ ހިންގާ ކޮމެޓީން ފާސްކުރި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އެ ޕާޓީގެ ކޮންގްރެސްއިން ފާސްވުމުންނެވެ. އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އަދި 22 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.