އދ. ގެ ސަލާމަތީ މަޖިލީހުގެ އޭޝިއާ ޕެސިފިކް ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ނެގި ވޯޓުގައި އަވަށްޓެރި އިންޑިއާއިން ވޯޓުދިނީ ރާއްޖެއާ ދެކޮޅަށް ކަމަށް އެގައުމުގެ ދަ ޕްރިންޓ ނޫހުން ބުނެފިއެވެ.
ދަ ޕްރިންޓް ނޫހުގައި އިންޑިއާގެ ސަރުކާރުގެ މަސްދަރަކާއި ހަވާލާދީ ބުނެފައިވަނީ އިންޑިއާއިން މިމަހުގެ ނުވަވަނަ ދުވަހު ނެގި ވޯޓުގައި ސަލާމަތީ މަޖިލީހުގެ މެމްބަރަކަށްވުމަށް ވޯޓު ދީފައިވަނީ ރާއްޖެއާ ވާދަކުރި އިންޑޮނޭޝިއާއަށް ކަމަށެވެ. ހަމައެހެންމެ ރައީސް ނަޝީދުގެ ސަރުކާރެއްގައި މިފަދަ ވޯޓެއްގައި ރާއްޖެއާ އެއްކޮޅަށް ވޯޓު ދޭނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދިން ކަމަށް އެނޫހުގައި ބުނެފައިވެއެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ކުރިއަށް ދިޔަ މި ސިއްރު ވޯޓު ނެގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑޮނޭޝިއާއަށް ވެސް ވަޑައިގެންނެވިއެވެ.
ޖޫން މަހުގެ ނުވަވަނަ ދުވަހު ނެގި ވޯޓުގައި ރާއްޖެއަށް ލިބުނީ މެމްބަރު 193 ގައުމުގެ ތެރެއިން 46 ވޯޓެވެ. މި ގޮނޑި 144 މެމްބަރުންގެ ވޯޓާއެކު އިންޑޮނޭޝިއާއިން ކާމިޔާބުކުރިއިރު މިއީ އެ ގޮނޑިއަށް އެ ގައުމު އިންތިހާބުވި ހަތަރުވަނަ ފަހަރެވެ. މި ވޯޓުގައި ބައިވެރިވެފައިވަނީ 190 ގައުމަކުންނެވެ. އިންޑޮނޭޝިއާގެ މިފަހަރުގެ ދައުރު ނިމޭނީ 2020 ވަނަ އަހަރުއެވެ.
އިންޑިއާއިން ރާއްޖެއަށް ވޯޓު ދީފައިނުވާ ކަމަށް އިންޑިއާގެ މީޑިއާއަކުން ބުނަމުންދާއިރު އެގައުމުގެ ވޯޓު ޔަގީނުންވެސް ރާއްޖެއަށް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވިއެވެ. އޭގެ އިތުރުން އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހްމަދު މުހައްމަދުވެސް ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
ވޯޓު ދިން ގޮތުގެ ވާހަކަތައް ފެންމަތި މިވީ ރާއްޖެ އާ އިންޑިއާ އާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.
އިންޑިއާ އިން ގެންދަނީ ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް ސިޔާސަތު ތަކަށް ވަރަށް ފާޅުގައި ފާޑު ކިޔަމުންނެވެ. މި ގޮތުން ރާއްޖޭގެ ޑިމޮކްރަސީ ހީނަރުވަމުން ދިއުމުގެ މައްސަލައާއި އަދުލު އިންސާފުގެ ދާއިރާގައި ހުރި މައްސަލަތައް އިންޑިއާއިން ގެންދަނީ ހިތްހަމަ ނުޖެހުމާއެކު ފާޅު ކުރަމުންނެވެ.
އިންޑިއާއިން ރައީސް ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ނުރުހުން ވެފައިވާ އިރު، ދިވެހި ސަރުކާރުން ގެންދަނީ އިންޑިއާގެ ރައްޔިތުންނަށް ރާއްޖޭން ވޯކް ވިސާ ދިނުމުގައި ދަތިތައް ކުރިމަތި ކުރަމުންނެވެ.