ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މަައްޗަށް އިއްވި ހުކުމަކީ އަނިޔާވެރި ޖަރީމާއެއް ކަމަށާއި، އަދި އެއީ އިލްްމުވެރިކަމަށްކުރި ފުރައްސާރައެއްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
"ބޭއިންސާފުން" ރައީސް މައުމޫންގެ މައްޗަށް އިއްވި ހުކުމް ކުށްވެރިކޮށް ޕާޓީތަކުން އާންމުކުރި ބަޔާނެއްގައި ބުނީ، ރައީސް މައުމޫންގެ މައްޗަށް އިއްވި ހުކުމަކީ، އަދުލުއިންސާފުގެ އެންމެ އެސާސީ ރުކުންތައްވެސް ހަމަނުވާ އަނިޔާވެރިކަމާއި ބޭއިންސާފުގައި ހައްދުފަހަނައަޅާފައިވާ ޙުކުމެއްކަމެއް ކަމަށެވެ. އަދި އެ ޙުކުމް އިއްވުމަށްޓަކައި ދައުލަތުގެ ފާރާތުން ހިންގާފައިވާ އަނިޔާވެރި ޖަރީމާތަށް ކުށްވެރިކޮށް ވަގުތުން ރައީސް މައުމޫން މިނިވަންކުރުމަށްވެސް ގުޅިފައިވާ ޕާޓީތަކުން ގޮވާލާފައިވެއެވެ.
އޭގެއިތުރުން ޕާޓީތަކުގެ ބަޔާނުގައި ބުނެެެފައިވަނީ ޕްރޮސިކިއުޓަރުން އެދިފައިނުވިނަމަވެސް، ޙުމުކުގައި ރައީސް މައުމޫނުގެ ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ބާޠިލުކޮށްފައިވުމަކީ ދިވެހި ދީބުގައި ޢިލްމުފެތުރުއްވުމަށް ނުހަނު ގިނަ މަސައްކަތްކުރެއްވި ބޭފުޅަކު ހަމައެކަނި ނިކަމެތިކޮށްލުމެއްނޫންް ކަމަށެވެ. އަދި އެއީ ޢިލްމުވެރިކަމަށާއި އަދި ޢިލްމީ ގޮތުން ދިވެހިރާއްޖެ މިއަދު ދެކެމުންމިދާ ކުރިއެރުންތަކަށްވެސް ކުރި ފުރައްސާރައެއްކަމަށްވެެސް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެއެވެ.
ފެބްރުއަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނެރުނު އަމުރު ތަންފީޒުނުކޮށް، ސުޕްރީމް ކޯޓަށާއި މުޅި ޝަރުޢީ ނިޒާމަށް ގޮންޖަހާ، ޝަރުޢީ ކޯޓުތަކުގެ ޤާނޫނީ ބާރު ނެތިކޮށް، ފަނޑިޔާރުގެތަކަށް ނުޙައްޤު ސިޔާސީ ނުފޫޒު ފޯރުވުމަށްޓަކައި އިޢުލާންކުރި ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންކަމަށްބުނެ ރައީސް މައުމޫނު ދިރިއުޅުއްވާ ގެކޮޅުގެ ޙުރުމަތްކަނޑާލުމަށްފަހު އެމަނިކުފާނު ހައްޔަރުކޮށްގެން ގެންގުޅުނު މުއްދަތުގައި، އެމަނިކުފާނުގެ ސިއްޚީ ހާލުކޮޅާއި ގުޅިގެން ތަކުރާރުކޮށް ޑޮކްޓަރުން ލަފާދެއްވުމުންވެސް ގޭބަންދައް ބަދަލުކޮށްފައި ނުވާކަން ފާހަގަކުރަމެވެ.
ޕާޓީތަކުން ބުނީ، ރައީސް މައުމޫނުގެ މައްޗަށް ޝަރީޢަތް ހިންގުމުގެ ކުރިން ހިންގާފައިވާ ފުލުހުންގެ ތަޙުޤީޤާއި އަދި އެ ތަޙުޤީޤުގެ ތެރޭގައި ހެކިހޯދުމާއި ބަންދުގެ މުއްދަތު އިތުރުކުރުންފަދަ ކަންކަން ޤާނޫނީ އެއްވެސް ހަމަޔަކަށް ނުފެތޭ ކަމަށެވެ. އަދި ދައުވާ އުފުލުމުގެ މަރުޙަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލު ކޮށްފައިވަނީވެސް އަދުލު އިންސާފަށާއި ދިވެހިރާއްޖޭގެ މުޅި ޤާނޫނީ ނިޒާމަށް ގޮންޖަހާ ބީދަޔަކުންކަމަށް ޕާޓީތަކުން ބުނެ އެވެ.
އޭގެއިތުުރުން ދިފާޢީ ހެކި ހުށަހެޅުން ފަދަ އިންސާފުވެރި ޝަރީޢަތެއްގެ އެންމެ އަސާސީ ރުކުންތަކުން ރައީސް މައުމޫން މަހުރޫމްކޮށްފައިވާކަމަށާއި، ކްރިމިނަލްކޯޓުގެ މުޅި އިޖުރާއާތައް ނަޒަރުހިންގާލުމުން ފެނިގެންދަނީ ފަނޑިޔާރުންގެ އަމިއްލަ ޟަމީރާއި، އަބުރާއި، ޢިއްޒަތާއި އަދި ނަޒާހާތްތެރިކަން ޤުރުބާންކުރުމަށްފަހު އަނިޔާވެރި، ޣައިރުޤާނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެފަދަ ހުތުރު ޢަމަލެއް ހިންގަންވެސް ފަސްނުޖެހޭ ބަޔަކު ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކަށް އަތްގަދަކޮށްފައިވާކަންކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ރައީސް މައުމޫނާއި ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުންނާއި ސިޔާސީ ޙަރަކާތްތެރިންނާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ނުޙައްޤުން ހައްޔަރުކޮށް ބޮޑެތި ޙުކުމްތައް އިއްވައިގެން ޖަލުގޮޅީގައި ބަންދުކޮށްގެން ގެންގުޅުމަކީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ޢަބްދުﷲ ޔާމީނަށް ކުރިއެރުން ލިބިދާނެ ސަބަބެއްނޫންކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިފަދަ ލާއިންސާނީ ރަޙުމުކުޑަ ފިނޑި އަމަލުތަކުން އަޅުގަނޑުމެން ފަހަތަށް ނުޖެއްސޭނެކަމާއި މި އަނިޔާވެރިކަމުން މިންޖުވުމަށް ރައްޔިތުންގެ ހިތުގައި އޮތް އަޒުމު އިތުރަށް ވަރުގަދަވެ އެންމެން އެކަތިގަނޑަކަށް ވުންނޫން ކަމުގައި ނޫނީ ނުވާނެއެވެ. ހަމައެހެންމެ ވާދަވެރި ސިޔާސީ ޕާޓީތަކުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަނިޔާވެރި ވެރިކަން ޤާނޫނީ ހަމަތަކުގެ މަތިން ބަދަލުކޮށް، ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ދައުލަތުގެ ވަޒީފާތަކުގެ ނިވަލުގައި ފިލާތިބެ ރައްޔިތުންގެ މައްޗަށް ނުޙައްޤުން ބޮޑެތި ޖަރީމާތައް ހިންގަމުންގެންދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެކަންވެސް ފާހަގަކުރަމެވެ.