އީދު ބަންދާއެކު ފެރީ ޓާމިނަލްތައް ފުރި ބާރުވެއްޖެެ އެވެ.
އާންމުކޮށް، ހުޅުމާލެ ފެރީ ޓާމިނަލް ހަފްތާ ބަންދަށް ބާރު ބޮޑުވިނަމަވެެސް، އީދު ބަންދާއެކު ހުޅުމާލެ ފެރީ ޓާމިނަލް ވަނީ އެއްކޮށް ފުރާލައިފަ އެވެ. އަދި ކިއޫ ބޮޑުވެ، އެތަށް ބަޔަކު ޓާމިނަލްގެ ބޭރުގައިވެސް ކިއޫ ޖެހިފައިވެއެވެ.
ހެނދުނު އީދު ނަމާދަށްފަހުވެސް، އެތަށް ބަޔަކު ވަނީ ހުޅުމާލެ ގޮސްފަ އެވެ. އަދި ފިތުރު އީދާއި ގުޅުވައި އިތުރު ހަރަކާތްތައް ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ވަގުތުތަކުގައިވެސް ފެރީ ޓާމިނަލްގެ ކިއޫ އިތުރަށް ބޮޑުވާނެކަމަށް ބެލެވެ އެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އާންމުކޮށް ހަފްތާ ބަންދުތަކުގައިވެސް ޓާމިނަލްތައް ފުރޭ ކަމަށެވެ. ނަމަވެސް އީދު ބަންދާ، ހަފްތާ ބަންދާ އެކުގައި ދިމާވުމުން ވަރަށް ގިނަ ބަޔަކު ދަތުރުކުރާތީ ޓާމިނަލް އެއްކޮށް ފުރި ބާރުވި ވަގުތުތައް ދިޔަކަމަށެވެ. އަދި އާންމުން ގިނަވާ ވަގުތުތަކާއި ދިމާކޮށް، އިތުރު ފެރީތަކާއިއެކު އަވަސް ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމްޓީސީސީގެ ޓީމުން މަސައްކަތް ކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭގެއިތުރުން އީދު ބަންދާއެކުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ ބަޔަކު ދަތުރުތައްކުރާނެކަމަށް ބެލެވޭތީ އެކަމަށްވެސް އެމްޓީސީސީގެ ޓީމްތައް ތައްޔާރަށް އޮތްކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލެގެ ފެރީ ޓާމިނަލްގެ އިތުރުން، ރަށްރަށް ދަތުރުތައް ކުރާ، މާލޭގެ އެހެން ޖެޓީތައް ހިމެނޭ ސަރަހައްދުތައްވެސް އީދު ދުވަހު ހެނދުނާއި، މެންދުރުގައި އޮތީ ވަރަށް ބާރު ބޮޑުކޮށެވެ. އެގޮތުން އީދު ބަންދަށް ކައިރި ރަށްރަށް އެތަށް ބަޔަކު ފުރުމަށް ޖެޓީތަށް ދޮށަށް އެއްވެފައިވެއެވެ.
އީދު ބަންދާއެކު ފެރީތަކަށް ބާރު ބޮޑުވުމުގެ އިތުރުން ހުޅުމާލެއާއި، ކައިރި ރަށްރަށުގެ ގެސްޓު ހައުސްތައްވެސް ވަނީ ފުރިފަ އެވެ. އެގޮތުން ހުޅުމާލޭގެ ގިިނަ ގެސްޓް ހައުސްތަކެއް އެއްކޮށް ފުރިފައިވާއިރު، ކައިރި ރަށްރަށުގެ ގެސްޓު ހައުސްތައްވެސް ފުރިފައިވާކަމަށް ގެސްޓު ހައުސްތައް ހިންގާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ކޮންމެ އަހަރެއްގެވެސް އީދު ބަންދުތަކާއި ދިމާކޮށް، މާލެގެ ތޮށްޖެހިފައިވާ މާހައުލު ދޫކޮށް އެތަށް ބަޔަކު ރަށްރަށަށާއި ހުޅުމާލެއަށް ދަތުރުކުރެ އެވެ.