އިންޑިއާ ރައްޔިތުންނަށް ރާއްޖެއިން ވިސާ ހޯދުމުގައި ދިމާވަމުންދާ މައްސަލަތައް ބަލަމުންދާކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީ 'ދަ ހިންދޫ' ނޫހަށް މައުލޫމާތު ދެމުން ބުނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެމައްސަލަ ބަލަމުންދާކަމަށެވެ. އިންޑިއާގެ ޚާރިޖިއްޔާއިން މިމައްސަލަ ބަލަމުންދާކަން ހާމަކޮށްފައިވަނީ ރާއްޖެ އަންނަ އިންޑިއާގެ މީހުންނަށް ވާރކް ވިސާ ދިނުމުގައި ރައީސް އޮފީހުން އިރުޝާދު ދީގެން އިމިގްރޭޝަނުން ދަތިތަކެއް ކުރިމަތިކުރާކަމަށް ދަ ހިންދޫގައި ރިޕޯޓްކޮށްފައިވަނިކޮށެވެ. އަދި ރާއްޖެއިން އިންޑިއާގެ ރައްޔިތުންނާއި މެދު އެގޮތަށް އަމަލުކޮށް، އިންޑިއާ އެކަހެރިކުރަމުންދާއިރު، އިންޑިއާގެ މިހާރުގެ ސަރުކާރުން ރާއްޖެއާއިމެދު މަޑިމައިތިރިކޮށް ކަންތައްކުރާތީ އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކޮންގްރެސް ޕާޓީއިން ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވަނިކޮށެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން ބުނީ މިމައްސަލަ ދިވެހި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށާއި، 1979ވަނަ އަހަރު ދެޤައުމުގެ މެދުގައި ޤާއިމްކުރެވުނު ވިސާގެ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަން ދިވެހި ސަރުކާރަށް ހަނދާންކޮށްދީފައިވާނެކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ރައްޔިތުންނަށް ވިސާ އަކާއި ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވެއެވެ.
މިމައްސަލައިގައި ދިވެހި ސަރުކާރުގެ ބަހެއް ހޯދުމަށް އެދުމުން ފޮރިން މިނިސްޓްރީއިންނާއި ރައީސް އޮފީހުން އެއްޗެއް ބުނެފައި ނުވާކަމަށް ދަ ހިންދޫއިން ރިޕޯޓްކުރެއެވެ.
އިންޑިއާގެ ރައްޔިތުންނަށް ވިސާ ދިނުމުގައި ދިވެހި ސަރުކާރުން ދަތިކުރަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށް، އެޤައުމުގެ އެންމެ މަތީ ފަންތީގެ ސަމާލުކަމަށް މިކަން އައިސްފައިވާއިރު، ދިވެހި ސަރުކާރަށް މިމައްސަލައިގައި އިންޑިއާ ސަރުކާރުން ޕްރެޝަރކުރާނެކަމަށް ބެލެވެއެވެ. އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އެކްސްޓަރނަލް އެފެއަރޒް ކޮންސަލްޓޭޓިވް ކޮމިޓީގެ މުޤައްރިރު، ކެރެލާގެ އެމްޕީ ޝަޝީ ތަރޫރު ވިދާޅުވީ އިންޑިއާ - ރާއްޖޭގެ ގުޅުން ގޯސްވެފައިވުމާއި، އިންޑިއާގެ ރައްޔިތުންނާއިމެދު ރާއްޖެއިން އެފަދައިން އަމަލުކުރުމަކީ ހިތާމަކުރާކަމެއް ކަމަށެވެ.
ދިވެހިރާއްޖެއިން އިންޑިއާއާއި އެކު އޮންނަ ގުޅުން ކުޑަކޮށް، ޗައިނާއާއިއެކު އޮންނަ ގުޅުން އިތުރުކުރަމުން ދިޔަނަމަވެސް، އިންޑިއާއިން އަދިވެސް ރާއްޖެއާއިއެކު ބާއްވަނީ ގާތް ގުޅުމެކެވެ. އެކަމާއި ގުޅިގެން ބީޖޭޕީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.