ބަރަކާތްތެރި ރަމަޟާންމަސް އަލްވަދާއުކީ ކަމުގައި ވިޔަސް ހެޔޮ އަމަލުކުރުމުގައި ދެމި ތިބުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ހުކުރު ޚުތުބާގައި ވަނީ ރަމަޟާން މަހުގައި ނަމާދުގެ ޖަމާއަތަށް ރައްކާތެރިވެ ގިނަގިނަ އިން ގުރުޢާން ކިޔަވާ މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ފަހު ރަމަޟާން މަސް ނިމުމުން މި ކަންކަމަށް ފަރުވާ ކުޑަކޮށް ފާފަތަކަށް އަރައިގަންނަކަމީ އެކަންކަމާ މެދު ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މިއީ މީހަކު އެތައް ޚަރަދަކާއި އެތައް މަސައްކަތެއް ކޮށްގެން ރަނގަޅު ބިނާއެއް ކުރުމަށް ފަހު އެ ބިނާ ފުނޑުފުނޑު ކޮށްލުން ފަދަ ކަމެއް ކަމަށް ޚުތުބާފައި ވެއެވެ.
އަޅުން ކުރާ ހެޔޮ އަމަލުތައް ﷲ ގަބޫލު ކުރެއްވި ކަމުގެ ނިޝަންތަކެއްވާ ކަމަށާއި އެއީ ހެޔޮ އަމަލު ކުރުމަށް ފަހު އެ އަމަލުތައް ދޫކޮށްނުލާ ފާފަތަކަށް އަރައި ނުގަނެ ހުރުން ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. އަދި ކުރެވުނު ހެޔޮ އަމަލުތަކަކީ ﷲގެ ހަޟްރަތުގައި މަގްބޫލު އަމަލަކަށް ނުވެ ހިނގައިދާނެތީ އެކަމަށް ބިރުވެތިވުން ކަމަށް ހުތުބާގައި ވެއެވެ.
ޚުތުބާގައި ވަނީ ރަމަޟާން މަސް އަލްވަދައުކީ ކަމުގައި ވިޔަސް ހެޔޮކަމުގައި ދެމިތިބެން އެދޭ ބަޔަކަށްޓަކައި އިސްލާމް ދީނުގައި ލައްވާފައިވާ ހެޔޮކަމުގެ ފުރުސަތުތައް ވަރަށް ގިނަ ކަމަށާއި އޭގެ ތެރެއިން އެންމެ މުހިއްމު އެއް ފުރުސަތަކީ ޝައްވާލު މަހުގެ ހަ ރޯދަ ކަމަށެވެ. މީގެ އިތުރުން މެދުފޮއި ރޯދަ އާއި ހޯމަ، ބުރާސްފަތި އަދި އަރަފާތު ދުވަހުގެ ރޯދަ އާއި އަދި އާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ވެސް ގިނަގުނަ ދަރުމަ އާއި ޘަވާބު ހުރި ކަމެއް ކަމަށް ޚުތުބާގައި ވެއެވެ.
ރޯދައިގެ އިތުރުން ވެސް ހެޔޮކަމުގައި މެދު ނުކެނޑި ދެމިތިބުމަށްޓަކައި ދަމު ނަމާދު ކުރުމާއި، ކޮންމެ ދުވަހަކު ވެސް ޤުރުޢާނުން މިންވރެއް ކިޔެވުމާއި ކެރި ކުޅަދަނަކަން ލިބިގެންވީ މިންވަރަކުން ﷲ ގެ މަގުގައި ހޭދަ ކުރުމާއި ގާތް ތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމާއި އަވަށްޓެރިންނަށް ކަމޭހިތުމާއި މައިންބަފައިންގެ ހައްގުތަކާއި އަނބިދަރިންގެ ހައްގުތައް އަދާކުރުން ފަދަ ކަންތައްތައް ކުރުމަށް ހުކުރު ޚުތުބަގައި ވަނީ ނަސޭހަތްތެރި ވެފައެވެ.