ރާއްޖޭއިން ބޭރުގައި އުޅޭ ދިވެހިން ހުކުރު ދުވަހު އީދު ކުރަން ބޭރު ގައުމުތަކުގައި ގާއިމުކޮށްފައިވާ ރާއްޖޭގެ އެމްބަސީތަކަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އެ އެންގުމާ އެއްގޮތަށް އަވަށްޓެރި ސްރީލަންކާގައި ދިވެހިން ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެވެ. ލަންކާގައި ރާއްޖޭގެ އެމްބަސީ ހުންނަ ސޯސަންވިލާގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައި ވަނީ އެ ގައުމުގައި ދިރިއުޅޭ އެހެން މުސްލިމުން ރަމަޟާން މަހުގެ 29 ވަނަ ދުވަސް ފުރިހަމަ ކުރަމުން ދަނިކޮށެވެ. ސްރީލަންކާއާ އެއްގޮތަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރޯދަ މަސް ފަށާފައި ވަނީ ރާއްޖެއަށް ވުރެ ފަހުންނެވެ.
ދިވެހި އެމްބަސީތަކަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނީ ހުކުރު ދުވަހަކީ ޝައްވާލް މަހުގެ 1 ވަނަ ދުވަސް ކަމަށް އިސްލާމީ ގައުމަކުން ނިންމާފައި ވާތީ ހުކުރު ދުވަހަކީ އީދު ކަމަށް ހަމަޖެއްސުމަށެވެ.
ނަމަވެސް ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމަށް ފަހު، އިސްލާމިކް މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުނުއިރު، ރާއްޖެ އާއި އިސްލާމީ އެއްވެސް ގައުމެއްގެ އުދަރެހުން ޝައްވާލު މަހުގެ ހަނދު ފެންމަތިވެފައި ނުހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ޔަގީންވާ ކަމަށެވެ. އެހެންކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ބެލުމުގައި ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫގައިވާ ގޮތުގެ މަތިން ޖޫން މަހުގެ 14 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށެވެ. އަދި ހުކުރު ދުވަހަކީ ޝައްވާލު މަހުގެ އެކެއްވާ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.