ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ޙަމީދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެމެރިކާގެ ޚާރިޖިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހެދަރ ނުއަރޓް ބުރާސްފަތި ދުވަހު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ރައީސް މައުމޫނާއި ފަނޑިޔާރުންނަށް ދިފާޢީ ވަކީލުންގެ ހައްޤު ނުލިބި، އަދި ދިފާޢީ ހެކި ހުށަހަޅަން ފުރުސަތު ލިބިވަޑައިނުގެން ތިއްބެވި ޙާލަތުގައި އެބޭފުޅުންގެ މައްޗަށް އިއްވި ހުކުމާއިމެދު އެމެރިކާއިން ކަންބޮޑުވާކަމަށެވެ.
މިހުކުމުގެ ސަބަބުން ޤާނޫނުގެ ވެރިކަން ހިންގުމަށް ދިވެހި ސަރުކާރުން އިޚްލާސްތެރިކަން ހުރި މިންވަރާއިމެދު ސުވާލު އުފެދޭ ކަމަށާއި، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ސައްހަކަމާއިމެދު މިހުކުމުގެ ސަބަބުންވެސް ސުވާލު އުފެދިގެންދާ ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.
މިބަޔާނުގައި އެމެރިކާއިން ވަނީ ރައީސް އަބްދުﷲ ޔާމީނާއި، ދިވެހި ސަރުކާރަށް، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި، ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލާފައެވެ. ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތަކަށް މިނިވަންކަމާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށާއި، އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ރާއްޖޭގެ މައްޗަށް އޮތް ބައިނަލްއަޤްވާމީ ވާޖިބަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ރައީސް ޔާމީނަށާއި ސަރުކާރަށް އެމެރިކާއިން ގޮވާލިއެވެ.
މީގެ އިތުރުން ސިޔާސީ ހައްޔަރީން މިނިވަންކުރުމަށާއި، ޕާޓީތަކާއި ކެންޑިޑޭޓުންނަށް މިނިވަންކަމާއިއެކު ކެމްޕޭން ކުރުމަށް ފުރުސަތު ދިނުމަށް ނުއަރޓްގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ހަމައެއާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި، ރައްޔިތުން އިތުބާރުކުރާ އިންތިޚާބަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްވެސް އެމެރިކާއިން ގޮވާލިއެވެ.
ރައީސް މައުމޫނާއި ދެ ފަނޑިޔާރުންނަށް ކުރި ހުކުމް ބަލައިނުގަންނަކަމަށް އިންޑިއާއިންވެސް ވަނީ ބުނެފައެވެ. އަދި ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވަނީ ވިދާޅުވެފައެވެ.
އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު 1 އަހަރާއި 7 ހަމާއި 6 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ބުދަ ދުވަހުއެވެ.