ރާއްޖެއާއި އިންޑިއާ އާއިދެމެދު ގުޅުން ގޯސްވެފައިވީ ނަމަވެސް އިންޑިއާގެ މިހާރުގެ ސަރުކާރުން ރާއްޖެއާއިމެދު ގެންގުޅޭ ސިޔާސަތަށް އެޤައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ފާޑުވިދާޅުވެއްޖެއެވެ.
އިންޑިއާ ރައްޔިތުންނަށް ރާއްޖެއިން ވިސާ ނުދޭކަމަށާއި، އިންޑިއާ ރައްޔިތުން ރާއްޖޭގެ ވަޒީފާތަކަށް ކުރިމަތިނުލުމަށް ވަޒީފާދޭ ފަރާތްތަކުން ބުނާކަމަށް ބުނެ، އިންޑިއާގެ ދަ ހިންދޫ ނޫހުގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެން ރާހުލް ގާންދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޚާރިޖީ ސިޔާސަތަކީ ހަމައެކަނި ފޮޓޯއެއް ނެގުމުގެ ސިޔާސަތަކަށް ވުމުން ދިމާވާ ކަމެއްކަމަށެވެ. އަދި ސީދާ މަޤްޞަދެއް ޙާސިލްކުރުމުގެ ބަދަލުގައި އެޖެންޑާއެއް ނެތް ބައްދަލުވުންތައް ބޭއްވުމުގެ ނަތީޖާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Maldives, once one of our closest allies & beneficiary of massive aid, is cancelling Indian work visas & putting up “Not Hiring Indians” signs. This happens when foreign policy becomes about photo ops & "no agenda meetings" instead of strategic intent. https://t.co/rk1csSLTT1
— Rahul Gandhi (@RahulGandhi) June 14, 2018
ރާހުލް ވަނީ ރާއްޖެއަކީ އިންޑިއާގެ އެންމެ ގާތް އެއް ޤައުމުކަމަށާއި، އިންޑިއާގެ އެހީ އެންމެ ބޮޑަށް ފޯރުކޮށްދޭ އެއް ޤައުމުކަން ފާހަގަކުރައްވާފައެވެ.
ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިންތިހާއަށް ގޯސްވެފައިވީނަމަވެސް، އަދި އިންޑިއާ ރައްޔިތުންނަށް ރާއްޖޭގައި ވޯކް ވިސާ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވިނަމަވެސް އިންޑިއާއިން ރާއްޖެއާއި މެދު ގެންގުޅެނީ އަދިވެސް ވަރަށް މަޑުމައިތިރި ސިޔާސަތަކެވެ. މިކަމަކީ ކޮންގްރެސް ޕާޓީއިން އެހާ ރުހޭކަމެއް ނޫންކަމަށް އެޕާޓީގެ އިސް ފަރާތްތަކުގެ ވާހަކަތަކުން ފަހަކަށް އައިސް ވަނީ ފާހަގަވެފައެވެ. ރާހުލް ގާންދީ އެލިޔުމަކަށް ކޮމެންޓްކުރި ލިޔުމަށް ކޮމެންޓްކޮށް، ބުރާސްފަތި ދުވަހު ކޮންގްރެސް ޕާޓީއިންވެސް އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އަށް ފާޑުކިޔައި ޓްވީޓްކޮށްފައިވެއެވެ.
PM Modi's saga of foreign policy failures continues. Indians are being barred from jobs in the Maldives, while a witless Indian embassy does nothing. https://t.co/1icuBapLhM
— Congress (@INCIndia) June 14, 2018
ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް ވިސާގެ މައްސަލަ ކުރިމަތިވަނީ ސީދާ ރައީސް އޮފީހުން އަންގައިގެން ކަމަށް މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ ދަ ހިންދޫ ނޫހުގެ ލިޔުމުގައި ތުހުމަތުކޮށްފައި ވެއެވެ.
ދަ ހިންދޫގެ ޑެޕިއުޓީ ރެޒިޑެންޓް އެޑިޓަރ އަދި ޑިޕްލޮމެޓިކް އެޑިޓަރ ސުހާސިނީ ހައިދަރު ލިޔެފައިވާ ލިޔުމުގައި ވަނީ ރާއްޖޭގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން ހީނަރުވުމުގެ ސަބަބުން އެކަމުގެ އަސަރު ރާއްޖޭގައި މަސައްކަތްކުރާ އަދި މަސައްކަތްކުރަން އަންނަ އިންޑިއާގެ ރައްޔިތުންނަށް ކުރާ ކަމަށެވެ. އެގޮތުން ރިސޯޓްތަކުން ވެސް ވަޒީފާއަށް އިއުލާންކުރާއިރު، އިންޑިއާ ރައްޔިތުން ކުރިމަތިނުލުމަށާއި، އިންޑިއާ ރައްޔިތަކު ކުރިމަތިލާނަމަ އެމީހެއްގެ އަތުގައި އެހެން ޤައުމެއްގެ ޕާސްޕޯޓެއް އޮންނަން ޖެހޭނެ ކަމަށް ނުވަތަ ދިވެއްސަކާއި އިނދެގެން އުޅެން ޖެހޭ ކަމަށް ސުހާސިނީ ލިޔެފައިވެއެވެ.
ރާހުލް ގާންދީގެ ބައްޕާފުޅު، އަވަހާރަކޮށްލެވިފައިވާ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދަނީއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރަޖީވް ގާންދީއާއި ދެމެދު ވަރަށް ގާތް ގުޅުމެއް އޮތް އިރު، ނޮވެމްބަރު 3ގެ ޙާދިސާގައި ރައީސް މައުމޫންގެ އެދިވަޑައިގަތުމަކަށް ދިވެހިރާއްޖެއަށް އެހީވުމަށް އިންޑިއާ ސިފައިން ފޮނުއްވީ ރަޖީވް ގާންދީއެވެ. އަދި ސަރުކާރުގެ މައި ހޮސްޕިޓަލް އައި.ޖީ.އެމް.އެޗް އަކީ ރާހުލް ގާންދީގެ މާމާފުޅު، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަނދާނުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހޮސްޕިޓަލެކެވެ. ރާހުލް ގާންދީގެ މުނިކާފާފުޅަކީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހެރޫއެވެ. ކޮންގްރެސް ޕާޓީ މިއަދާއި ހަމަޔަށް ކޮންޓްރޯލްކުރަމުން އަންނަނީ ނެހެރޫ-ގާންދީ އާއިލާއިންނެވެ.